ސައުތް އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އެކްޓަރު އަދި ޕްރޮޑިއުސަރު ވިގްނޭޝް ޝިވަން އާއި އަންހެނުން އަދި މަޝްހޫރު ތަރި ނަޔަންތަރާގެ ކައިވެންޏަށް ހަ އަހަރު ވެއްޖެ ކަމަށް ބުނެފި އެވެ.
މި ދެމަފިރިންގެ ވާހަކަ ވައިގަ ހިފައިގެން އުޅެނީ ސަރޮގޭޓް ކޮށްގެން އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައިވާކަން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ހާމަ ކުރި ހިސާބުންނެވެ. މީހުން ފާޑުކިޔަން ފެށީ ބޮޑު ރަސްމިއްޔާތަކާއި އެކު ދެމީހުން ކައިވެނި ކުރީ މިދިޔަ ޖޫން މަހު ކަމަށްވާތީ އެވެ.
ކައިވެންޏަށް ހަތަރު މަހުގައި ދެމީހުންނަށް ލިބުނީ ނަހަލާލު ދެ ކުދިން ކަމަށާއި ދެމީހުން އިންޑިއާގެ ސަރޮގެސީ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އިންޑިއާގެ ސަރޮގެސީ ގާނޫނު ބުނާގޮތުން ދެމަފިރިއަކަށް ސަރޮގޭޓް ކޮށްގެން ދަރިން ހޯދޭނީ ކައިވެންޏަށް ފަސް އަހަރުވުމުންނެވެ.
ފާޑުކިޔުންތަކަށް ހަފްތާއެއްވީއިރުވެސް ދެމަފިރިން ޖަވާބުދާރީވެފައެއް ނުވެ އެވެ. އެ މައްސަލައިގަ ދެމަފިރިން ނިސްބަތްވާ ޓަމިލް ނާޑު ސަރުކާރުން ވަނީ މައްސަލަ ބަލާނެ ކަމަށް ބުނެފައި އެވެ.
އޭގެ ފަހުން އިއްޔެ އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރޮގެސީގެ ތަފްސީލް ހުށަހެޅުމަށް ޓަމިލް ނާޑޫ ހެލްތް ޑިޕާޓްމެންޓުން ވިގްނޭޝްއަށް އެންގުމުން ފޮނުވި ލިޔުންތަކުގައި ދެމީހުންގެ ކައިވެނި ހަ އަހަރު ކުރިން ރެޖިސްޓްރީ ކޮށްފައިވާ ކަން އެނގޭ ކަމަށެވެ. އަދި ސަރޮގޭޓް ކުރުމަށް ބޭނުން ކުރީ ޔޫއޭއީއަށް ނިސްބަތްވާ ނަޔަންތަރާގެ ގާތް އަންހެނެއް ކަމަށް ބުނެފައިވެ އެވެ.
އެ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ފާޑުކިޔުންތަކަށް ރައްދު ނުދީ އޭނާގެ ލިޔެކިޔުންތަކުން އެވަނީ ފާޑުކީ އެންމެންގެ އަނގަ ބައްދާލާފައި އެވެ. އަދި ޖަވާބު ނުލިބޭ ހުރިހާ ސުވާލެއްގެ ޖަވާބު ދެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް