އީރާނުގައި މިހާރު ހިނގަމުން އަންނަ މުޒާހަރާތަކުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށާއި އެމެރިކާ އަކީ ހަމަ "ދަ ގްރޭޓް" ސައިތޯނުން ކަމުގައި އީރާނުން އަނެއްކާވެސް ސިފަކޮށްފިއެވެ.
މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެ ގައުމުގެ ރައީސް އެބްރާހިމް ރައިސީއެވެ. ރައިސީ މިހެން ވިދާޅުވެފައިވާއިރު އިރާނުގެ ކުރީގެ ލީޑަރުންވެސް ހަމަ މި މޭރުމުން އެމެރިކާއަށް މުހާތަބުކޮށްފައިވެއެވެ.
އިރާނުގެ މަސްރަހު މި ފަހުން ގޯސްވެގެންދިޔައީ ސެޕްޓެމްބަރުގެ މެދުތެރޭގައި އުމުރުން 22 އަހަރުގެ މާސާ އަމީނީ މަރުވުމާއި ހަމައިންނެވެ. އޭނާ މަރުވީ އިރާނުގެ ގައިޑަންސް ޕެޓްރޯލް ފުލުހުން ކުރި އަނިޔާގެ ސަބަބުންކަމަށް ތުހުމަތު ކުރެއެވެ. އަދި އޭނާ ހައްޔަރަށް ގެންދިޔައީ ބުރުގާ އަޅާފައިހުރިލެއް ގޯސްކަމުންކަމަށް ބުނެއެވެ.
އިރާނުގައި އަންހެނުން ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ. އެކަން ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ ގައިޑަންސް ޕެޓްރޯލް ފުލުހުން މާސާ އަމީނީއަށް އަނިޔާކޮށް މަރާލިކަމުގެ ތުހުމަތާއެކު އިތުރަށް އެ ގައުމުގައި ވަރުގަދަވެގެންދިޔަ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާއި އާންމުން ކުރިމަތިލަމުން އަންނައިރު މިހާތަނަށް މި ކުރިމަތިލުންތަކުގައި އާންމުންގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
އިރާނުގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މި މުޒާހަރާތަކުގައި އެމެރިކާއިން ކުޅޭ ރޯލަކީ އަލިފާނަށް ދަރު އެޅުންފަދަ ރޯލެއް ކަމުގައި އިރާނުން ސިފަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް