އެމްއެންޑީއެފް މެޑިކަލް ކޯރއިން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަސްޓް އެއިޑް ކޯހެއް ހިންގައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ހިންގި "ބޭސިކް ފަސްޓް އެއިޑް ލެވެލް 3" ކޯހުގައި ޝީގެ 22 މުވައްޒަފުން ބައިވެރިވިއިރު، ކޯސް ފުރިހަމަކޮށްފައިވަނީ 14 މުވައްޒަފުންނެވެ. ކޯސް ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެ ފަރާތްތަކަށް ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޝީގެ ސީއީއޯ، އިޔާޝާ ލީނާއެވެ.
މި ކޯހުގެ ކުލާސްތަކުގައި ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން، ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ ދަސްކޮށްދެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފަސްޓް އެއިޑްގެ ތިއަރީއާއި އަމަލީ ބައިތައް ވެސް ހިމެނޭހެން ކުރިއަށްގެންދިޔަ މި ކޯހުގެ ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް