ދަރިފުޅާ އެވެ. ތީ ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. މި ބައްޕަގެ ޒުވާން އުމުރު ގުރުބާން ކުރީ ތި ކުދިންގެ ހައްގުގައެވެ. ތި ކުދިންނަށް ފާގަތި މުސްތަގުބަލެއް ލިބޭތޯއެވެ. ބައްޕަ ލޮލުގެ ކޮއި ފަދަ ތި ދަރިފުޅު މާލެ ފޮނުވީ ވެސް ދަރިފުޅުގެ މުސްގަގުބަލް އުޖާލާ ކުރުމަށެވެ. ބައްޕަ އަކީ އޭރުވެސް މިހާރުވެސް ތަނަވަސް މީހެއް ނޫނެވެ. އެހެނަސް ބައްޕަގެ އުއްމީދަކީ ބައްޕަގެ ދަރިން ތަނަވަސްވުމެވެ. ދަރިފުޅު މާލެ ކިޔަވަން ފޮނުވި ދުވަހު މަންމަ ރުއިރުއިން މިހާރު ވެސް ބައްޕައަށް ސިފަވެ އެވެ. ދަރިފުޅާ އެވެ. ދަރިފުޅަށް މި މަންމަ އާއި ބައްޕަ ގުރުބާން ނުކުރަނީ ކޮންކަމެއް ހެއްޔެވެ. މަންމާ އާއި ބައްޕަގެ ހަކަތާ އާއި ވަގުތާއި ފައިސާ އާއި ދަރިފުޅުމެންނަށްޓަކައި ޚަލާސްކުރީމެވެ.
ދަރިފުޅު މާލެ ކިޔަވަން ފޮނުވި ދުވަހު މަންމަ ރުއި އިރު ބައްޕަ މަންމަ އަށް ހިތްވަރު ދިނީއެވެ. ދަރިފުޅު ފުރުވާލުމަށްފަހު ގިފިއްޔަށް ވަދެ ދާނީން ބޮލަށް ފެން އަޅަމަން މި ބައްޕަ ގިސްލާ ރުއީމެވެ. ﷲ ފިޔަވާ، އެކަން ދެނަހުރި އެކަކުވެސް ނުހުންނާނެއެވެ. އެހެނަސް ބައްޕަ އެދުވަހު އުފާވިއެވެ. ދަރިފުޅުގެ މުސްތަގުބަލު އުޖާލާ ކުރެވޭތީއެވެ.
މިއަދު ބައްޕަ ވަރުބަލި ވެއްޖެއެވެ. މި ލޮލުން ކަރުނައެއް ނުހިކެއެވެ. އޭރު ސިއްރުން ރުޔަސް މިހާރު ބައްޕަގައިގަ އެ ހިތްވަރެއް ނެތެވެ. ބައްޕަގެ ލޯބިވާ ދަރިފުޅާއެވެ. ބައްޕަ މިދަނީ ކެންސަރާ ހަނގުރާމަ ކުރަމުންނެވެ. އެހެނަސް މި ބައްޕަ އަށް ގޮވާލަން ވެސް ދަރިފުޅު ނާންނަމެއް ނޫން ހެއްޔެވެ. ރަށުގެ ތިމާގެ ނޫން މީހުން ވެސް ބައްޕަ އަށް ޒިޔާރަތްކުރާއިރު ދަރިފުޅު ކޮބާހެއްޔެވެ. ބައްޕަގެ ލޯބިވާ ދޫންޏާއެވެ. ދަރިފުޅުގެ އަންހެން ކޮއްކޮމެން ގޮތަށް، މި ބައްޕަގެ ވޭން އަޅާ މިނިކަމެތި ހަށިގަނޑުގައި ދަރިފުޅު ފިރުމާލަދޭން ހުރިނަމަ މި ބައްޕަގެ ލޮލުން އަންނާނީ އުފާވެރި ކަމުގެ ކަރުނައެވެ. ބައްޕަ އަށް ފޯނެއް އަންނަ ކޮންމެ ފަހަރަކު އެއީ ދަރިފުޅުގެ ކޯލެއް ކަމަށް އުއްމީދު ކުރެވެއެވެ.
ދަރިފުޅާއެވެ. މި ބައްޕަގެ ކުށަކީ ކޮބާހެއްޔެވެ. އެހެނަސް ބުނަން ހެއްޔެވެ. ދަރިފުޅާއި ދޭތެރޭ ބައްޕަގެ ހިތުގައި ރުޅިވެރިކަމެއް ނެތެވެ. އޮތީ އެދުމެކެވެ. ދަރިފުޅު މޫނު ބަލާލަން އެދޭ އެދުމެވެ. ދަރިފުޅު ބައްޕަގައިގައި ބައްދާލަން އެދޭއެދުމެވެ. ދަރިފުޅުގެ ފިރުމުންތަކަށް އެދޭއެދުމެވެ. ކޮންމެ ދުވާލަކާއި ރޭގަނޑެއް މި ބައްޕަ ހޭދަކުރަނީ ދަރިފުޅު އަންނާނެ ކަމުގެ އުއްމީދުގައެވެ. ދަރިފުޅު މަންނަ ބައްޕަ ކައިރީގައި އަބަދުވެސް ބުނެއެވެ. ދަރިފުޅު ވަރަށް އަވަހަށް ބައްޕަ ކައިރިއަށް އަންނާނެވެ. ލޯބިވާ ދަރިފުޅާއެވެ. ބައްޕަ މި ފަނާވެދަނިވި ދުނިޔެއަށް އަލްވަދާޢު ކިޔުމުގެ ކުރިން ބައްޕައާއި ބައްދަލުކޮށްދޭށެވެ. މީ ބައްޕަގެ އާދޭހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް