ތިރީގައިއެވާ ވީޑިއޯއަކީ މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދިވެހިން ޝެއާ ކުރަމުން އަންނަ ވީޑިއޯ އެކެވެ. ވީޑިއޯއިން ފެންނަނީ ދެމީހަކު ކާރެއް ދުއްވާފައިދަނިކޮށް އެ ކާރުގެ ހަކަތަ ހުސްވާތީ އެވެ. ފިރިހެން މީހާ ފޮޑިއެއް ޖެހުމުން ކާރަށް ކޮންމެސް ވަރެއްގެ ހަކަތައެއް ލިބެ އެވެ. ނަމަވެސް އިތުރު ހަކަތަ ބޭނުންވާތީވެ މި ދެމީހުން ކާރުގައި ގޮސް މަޑު ކޮށްލަނީ ފޮޑި ޝެޑަކަށެވެ.
އެ ކާރަކީ ފޮޑި ޖަހައިގެން ދުއްވާ ކާރެއް ކަމުން، އެ ފޮޑި ޝެޑްގައި ހުންނަނީ ފޮޑިއަޅާ މެޝިންތަކެއް ނޫނެވެ. ތިބެނީ އެކި ވަރުވަރުގެ ފޮޑި ޖަހަން އެކި ސައިޒުގެ މީހުންނެވެ. ކާރުގައި ފޮޑި ޝެޑަށް ދިޔަ ދެމީހުން ހިޔާރުކުރަނީ އެތަނުގައިހުރި ޖާނުން އެންމެ ވަރުގަދަ މީހާ އެވެ. އެއީ ފުލްޓޭންކް ކަމަށް ވެދާނެ އެވެ. އެމީހާ ކާރާ ދިމާއަށް ގުދުވެލާފައި ފޮޑިއެއް ޖެހުމުން ކާރު ނައްޓާލަނީ އެވެ.
https://www.youtube.com/watch?v=vUKolh8Q9hA
މި ކާރަކީ ހަމަ އަސްލުވެސް މިހާރު އުފައްދާފައިވާ އަދި ބޭނުން ކުރަމުންދާ ކާރެއް ކަމާމެދު ސުވާލު ނުއުފެދޭހެއްޔެވެ.
އެމެރިކާގެ ނޫހެއް ކަމުގައިވާ ބިޒްނަސް އިންސައިޑާގައި 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަވަނަ ދުވަހު މިފަދަ ކާރަކާ ބެހޭގޮތުން ހަބަރެއް ލިޔެފައި ވެ އެވެ.
އެ ހަބަރުގައި ބުނެފައިވަނީ ބަޔޯ ބަގް ނަމަކަށް ކިޔާ މި ކާރު އުފައްދާފައިވަނީ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ބަޔޯ ގޭސް ކުންފުނީގެ އެއްބާރުލުމާއެކު އިނގިރޭސި ވިލާތުގެ އިންޖިނޭރުންތަކެއް ކަމަށެވެ. އަދި 70 ވަރަކަށް ގެއިން ބޮޑުކަމުދާތަކެތި ބޭނުންކޮށް އެ ތަކެތި ގޭހަށް ބަދަލުކޮށްގެން މި ކާރު 10 ހާސް މޭލަށް ދުއްވި ދާނެ ކަމަށެވެ. އަދި ފޮޑި ޖަހައިގެން ކާރަށް އިތުރު ހަކަތަ ދެވި ދާނެ ކަމަށެވެ.
ހަމަ އެ ތާރީހުގައި ސީނެޓްގައި ވެސް މި ކާރާ ބެހޭގޮތުން ހަބަރެއް ލިޔެފައި ވެ އެވެ. އެ ހަބަރުގައި ބުނެފައިވަނީ މި ކާރުގެ ޓެސްޓް ދަތުރުތައް ކޮށް އެ ދަތުރުތައް ކާމިޔާބު ވެފައި ވާކަމަށެވެ.
ނަމަވެސް މި ކާރަކީ ދުނިޔޭގެ އެއްވެސް ސަރަހައްދެއްގައި މިހާރު ބޭނުންކުރަމުން އަންނަ ކާރެއްކަން ސާފުވެފައެއް ނުވެ އެވެ. ކޮންމެއަކަސް މިކާރަކީ ރާއްޖޭގެ މާހައުލާ ވަރަށް ގުޅޭ ކާރަކަށްވުމީ އެކަށީގެންވާ ކަމެކެވެ. އަދި ހާއްސަކޮށް ރާއްޖެތެރޭ ރަށްރަށް މި ކާރު މާ ފައްކާވާނެ ކަމަށް ބެލެވެ އެވެ. އެހެނީ ފޮޑި ޖެހުމަށް ތެލުލި ބަނބުކޭލަކީ ހަމަ އެއްވަނަ އެވެ. މާލޭގައި ތެލުލިބަނބުކެޔޮ ކޮޅެއް ސަހަލަ އަގެއްގައި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ކަމުން މި ކާރު މާލޭގައި ދުއްވަން ފަސޭހަ ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް