އިޒްރޭލު ފުލުހުންނާއި ފަލަސްތީނުގެ އާންމުންނާއި ދެމެދު ގަޒާ އައްސޭރިފަށުގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެފައި ވާކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިއްޔެ ހުކުރު ނަމާދަށްފަހު އިޒްރޭލު ފުލުހުންނާއި ދެކޮޅަށް ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން މުޒާހަރާތައް ކުރިއަށް ގެންދިޔަ އެވެ. ޝަހީދުވި މީޙުންގެ ތެރެއިން ފުރަތަމަ ޝަހީދުކޮށްލާފައިވަނީ އިނާބު ހަނާނީ ކިޔާ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާ ޝަހީދު ކޮށްލާފައިވަނީ ފަލަސްތީނުގެ ނަބްލުސް ސަހަރުންނެވެ.
އިތުރު ދެ ސަރަހައްދެއްގައި އިތުރު ދެމީހަކު ޝަހީދުކޮށްލާފައިވާއިރު އެ ދެ ސަރަހައްދުން ޝަހީދުވެފައިވަނީ އުމުރުން 19 އަހަރުގެ އަބްދުލް ގާދިރު ފަރްހަތް ކިޔާ މީހަކާއި އުމުރުން 22 އަހަރުގެ މަހްމޫދު ހުމެއިދާ ކިޔާ މީހެކެވެ.
މި ތިން މީހުން ޝަހީދު ވުމާއެކު މި މަސް ތެރޭގައި އިޒްރޭލު ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 37 އަށް އަރާފަ އެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 98 އަށް އަރައެވެ.
ފަލަސްތީނާއި އިޒްރޭލާއި ދެމެދު މަސްރަހު ހޫނުވެފައިމިވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދު އަލް އަގްޞާ ހުންނަ ގުދުސްގެ ބިމަށް ފަލަސްތީނުގެ ރައްޔިތުންނަށް ނުވަދެވޭނެކަން އިޒްރޭލު ފުލުހުން އެންގުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް