ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފާހަގަކުރާ ޓީޗަރުންގެ ދުވަހަކީ ހުރިހާ ސުކޫލެއްގައިވެސް ވަރަށް ކުލަގަދަކޮސް ފާހަގަކުރާ ދުވަހެކެވެ. އެހެން ނަމަވެސް އެފަދަ ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގާތީ، އެކަމަާއި ހިތްހަމަ ނުޖމެހި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރެއެވެ.
މިކަމާއި ގުޅިގެން މިއަދު އެޑިޔުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި މިއަހަރު ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ފާހަގަ ކުރާނެ ގޮތުގެ އިރުޝާދުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އެ ދުވަސް ފާހަގަކުރަން ދަރިވަރުން އަދި ބެލެނިވެރިން އަތުން ފައިސާ ނުނެގުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާގައި ހިމެނޭ ކަންކަން،
1. އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސް ފާހަގަ ކުރުން.
2. ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހުގެ 6 އާއި 10 އާ ދެމެދު ވަކި ދުވަހެއް ކަނޑައެޅުން
3. ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގެ ތެރޭގައި ބޭއްވުން
4. ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުން
5. ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ހަރަކާތްތައް ގެންދިއުން
6. ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުން
7. ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުން
8. ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުން
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ޓީޗަރުން ކުރާ އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމާ އެކު، ޓީޗަރުންގެ މުހިންމު ކަމާއި ގައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމައުއަށް ފޯރުކޮށްދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް