ދިވެހިބޭސްވެރިކަމާއި ގުޅޭގޮތުން ބ.ކެންދޫ، ޖަވާހިރުމާގެ އަލްއުސްތާޛު ޢަދުނާން ޔޫސުފް ލިޔުއްވާފައިވާ 2 ފޮތް ކަމުގައިވާ "ރާއްޖެ ބަލި" އަދި "އައްސިބަލި" ނެރުއްވުމަށް އިއްޔެ ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވުނު ޙަފްލާ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެން ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޙަފްލާގައި، ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ދިވެހިބޭސްވެރިކަމާއި ފަތްޕިލާވެލީގެ ޢިލްމުގެ މުހިންމުކަން ފާހަގަކުރައްވައި، މި ޢިލްމު ކުރިއެރުވުމަށް އަލްއުސްތާޛް ޢަދުނާން ޔޫސުފްއާއި އޭނާގެ އާއިލާއިން ކޮށްދެއްވައިފައިވާ އަދި ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ ޢިލްމީ ފޮތްތަކެއް ލިޔުއްވުމަކީ ކުޑަ މަސައްކަތެއް ނޫންކަމާއި، މިއީ ދިވެހި ބޭސްވެރިކަން ކުރިއަރުވަން ޢަދުނާން ޔޫސުފް ކުރައްވާފައިވާ ވަރަށް އަގުހުރި ބުރަ މަސައްކަތެއްކަން ރައީސް މައުމޫން ވިދާޅުވިއެވެ.
އަލްއުސްތާޛު ޢަދުނާން ޔޫސުފްއަކީ، ރާއްޖެތެރޭ ކޯޓުތަކުގައި ޤާޟީ ކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، އަމީނިއްޔާ ސްކޫލްގެ ދިވެހި ޓީޗަރުކަމާއި ސުޕަވައިޒަރުކަން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1984 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމަޔަށް ޤާނޫނީ ވަކީލްކަންވެސް ކުރައްވާފައިފާ ބޭފުޅެކެވެ.
ދިވެހިބޭސްވެރިކަން ފެތުރެއްވުމަށް އަލްއުސްތާޛު ޢަދުނާން ޔޫސުފް ވަނީ ގިނަގުނަ މަސަތްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން، ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާ އުފެއްދެވުމުގައި އިސް ރޯލެއް އަދާކުރެއްވިއެވެ. އަދި އަމިއްލަ ސިލަބަހެއް އުފައްދަވައިގެން މައި ކޮލެޖާއި ގުޅިގެން ދިވެހި ބޭސް ކިޔަވައިދިނުމަށް ކޯހެއް ހިންގަވައި 2017 ވަނަ އަހަރުން ފެށިގެން 2022 އަށް 8 ބެޗް ތަމްރީން ކުރެއްވިއެވެ. ދިވެހި ބޭސްވެރިކަމާއި ފަތްޕިލާވެއްޔާއި ބެހޭގޮތުން މިހާރުވެސް އޭނާ އިތުރު ފޮތްތަކެއް ގެންދަވަނީ ލިޔުއްވަމުންނެވެ.
އިއްޔެ ބޭއްވުނު މި ޙަފްލާގައި އަލްއުސްތާޛް ޢަދުނާން ޔޫސުފްގެ ވާހަކައިގައި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ފޮތްތައް ނެރުއްވައި ދެއްވެވީތީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއަށް ޝުކުރު ދެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް