ކުންފުނިތަކާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ހުށަހެޅިގޮތަށް ފާސްކޮށްފި

ކުންފުނިތަކާއިބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ސަރުކާރުން ހުށަހެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ ދައުރުގެ ބޭރުން ބޭއްވި ތިންވަނަ...

17 Sep 2024 | 08:51

ކުންފުނިތަކާއިބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ސަރުކާރުން ހުށަހެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ އިސްލާހު ފާސްކޮށްފައިވަނީ ދައުރުގެ ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައެވެ. އިސްލާހު ފާސްކުރީ 85 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. ދައުރުން ބޭރުން އިއްޔެ ބޭއްވި ދެވަނަ ޖަލްސާގައި ބިލަށް ބަހުސްކޮށް ބިލު ކޮމިޓީއަށް ފޮނުވާފައިވެއެވެ. ކޮމިޓީގެ މަސައްކަތް އިއްޔެ ކުރިއަށް ގެންގޮސް ބިލް އޮތް ގޮތަށް ކޮމިޓީގެ މަރުހަލާގައި ފާސްކޮށް މިއަދު ތަޅުމުގައި ވޯޓަކަށް އަހައި ފާސްކޮށްފައިވެއެވެ.

މި އިސްލާހަކީ މައިގަނޑުގޮތެއްގައި ކުންފުނިތަކުގެ ބޯޑަށް މެނޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުން އައްޔަންކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރުމަށް ހުށަހެޅި އިސްލާހެކެވެ.

މި އިސްލާހާއެކު އައި ބަދަލުތަކަށސް ބަލާއިރު ޕަބްލިކް ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެމެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމުތަކަށް މީހުން އައްޔަން ކުރަން 10 ދުވަހުގެ ތެރޭގައި އެންގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިގެންދާނެއެވެ. ކުރިން އެ މުއްދަތަކީ 30 ދުވަހެވެ.

އަނެއް ބަދަލަކީ ކުންފުނިތަކުގެ އާންމު ޖަލްސަ ބާއްވަންޖެހޭ މުއްދަތު ކުރުވުމެވެ. އާ އިސްލާހާއެކު އެ މުއްދަތު ތިން ދުވަހަށް ކުރުވެގެންދާނެއެވެ. ކުރިން އެ މުއްދަތަކީ 21 ދުވަހެވެ.

މީގެ އިތުރުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ހަތް ދުވަހަށް ކުރުވެގެންދާނެއެވެ. ކުރިން އެ މުއްދަތަކީ 14 ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް