މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލީބިޔާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ޑެރްނާގައި ފެންބޮޑުވުމުގެ ސަބަބުން ގެތަށް ހަލާކުވެ، ހާލުގައި ޖެހުނު ގިނަޢަދަދެއްގެ ރައްޔިތުން ބޯނެ ސާފުފެން ނުލިބުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ޑެރްނާގެ މަތީގައި ހުރި ދެ ޑޭމް ފަޅައިގެން ގޮސް، މީހުން ދިރިއުޅޭ ބްލޮކްތަކަށް ވެއްޓި އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވެ އެވެ. ގިނަ ބައެއްގެ ހަށިތައް ފެނުގެއަޑިއަށް ގޮސް 1،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަޅުލާފައިވާ ކަމަށް އދ ވަނީ ހާމަކޮށްފައެވެ.
އާދީއްތަ ދުވަހު އިރުއެރި އިރު، ހަލާކުވެފައިވާ ކާރުތަކުގެ އެކި އެކި ބައިތައް މުޅި މަގުތަކުގެ ދެފަރާތަށް ވަނީ އެއްވެފައެވެ. އެ ކުނިތަކެއް ނައްތާލައި، ހަލާކުވެފައިވާ ކާރުތަކުގެ ބައިތައް އެއްކޮށް، އެތަކެތި ވަނީ މަގުތަކުން ނައްތާލެވިފައެވެ.
ގާތްގަނޑަކަށް 120،000 މީހުންގެ އާބާދީއެއް އޮންނަ ޑެރްނާގެ މުޅި ޑިސްޓްރިކްޓްތައް ވަނީ އޮޔާގޮސް ނުވަތަ ޗަކައިން ވަޅުލާފަ އެވެ. އާދީއްތަ ދުވަހު ދައުލަތުގެ މީޑިއާއިން ބުނީ އެ ސިޓީގެ 891 އިމާރާތެއް ހަލާކުވެފައިވާ ކަމަށާއި އަދި އެ ސިޓީގެ މޭޔަރު ވަނީ 20،000 މީހުން މަރުވެފައި ވާނެ ކަމަށް ވިދާޅުވެފަ އެވެ.
އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ގެދޮރު ނެތް ކުދިން ވަގުތީ ހިޔާތަކާއި ސްކޫލްތަކުގައި ދިރިއުޅެމުން އަންނަ ނުވަތަ ގާތް ތިމާގެ މީހުން ނުވަތަ ރައްޓެހިންގެ ގެތަކަށް ގެންގޮއްސައި ތިބި ޑެރްނާގައި ތަޣައްޔަރުވެފައިވާ ފެން ބުއިމުން ވިހަވި 55 ކުއްޖަކު ލީބިޔާގެ ކަމާބެހޭ ފަރާތްތަކަށް ފެނިފައިވާ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ލޭންޑްމައިންތަކާއި އެހެނިހެން އޯޑަނަންސްތައް އެތައް އަހަރެއް ވަންދެން ހިނގަމުން ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ބާކީކޮށްލެވިފައި އޮތުމުގެ ސަބަބުން ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކަށް އިތުރު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް