ޖުމްހޫރީ ޕާޓީގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ތާއީދު ކުރަން ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ހައްގު އޮންނާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް އަޅުގަނޑަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީމެވެ." ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ އިއްޔެ މެންދުރުފަހު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން ގާސިމަށް މަތިކުރުމުން، ނިންމާފައިވާނީ ވެޔަތުވިތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާ އަށް ބެލުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް