ސަރަހައްދީ ބަނދަރުތަކަށް ކޮންޓެއިނަރު އުފުލާ ފީ ކުޑަކޮށްފި

މާލޭ ޕޯޓުން ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ނަގާ ފީ ކުޑަކޮށްފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނާ ގޮތުގައި މިއީ އަތޮޅުތަކުގައި ވިޔަފާރި ކުރާ ވިޔަފާރިވ...

17 Sep 2023 | 12:55

މާލޭ ޕޯޓުން ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ނަގާ ފީ ކުޑަކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނާ ގޮތުގައި މިއީ އަތޮޅުތަކުގައި ވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް މާލީ ލުޔެއް ހޯދާދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުގެ ވޯފޭޖް ޗާޖް އާއި، ހޭންޑްލިން އާއި، ސްޓީވަޑޯރިންއާއި، އެމްޕްޓީ އަންލޯޑިން އަދި ހޭންޑްލިން ޗާޖަސްގެ އަގު ވަނީ 25 ޕަސެންޓު ކުޑަކޮށްފަ އެވެ.

އަދި އަގަށް ގެނައި ބަދަލާއެކު، 20 ފޫޓުގެ ކޮންޓެއިނަރެއް ކުރިން ލޯޑު ކުރުމަށް ނަގަމުން އައި 1772 ރުފިޔާގެ ފީ، މިހާރު ވަނީ 1292 އަށް ކުޑަކޮށްފައި ކަމަށް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ. ހަމައެފަދައިން، 45 ފޫޓު ކޮންޓެއިނަރުގެވެސް ލޯޑިން ފީން ގާތްގަނޑަކަށް 1200 ރުފިޔާ ވަނީ ކުޑަވެފައެވެ.

މީގެ އިތުރަށް، މާލޭގެ މައި ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެމްޕީއެލްގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކަށް ނަގާ އަގުތައް ކުޑަކުރަން ނިންމާ ނިމިދިޔަ ހުކުރު ދުވަހުން ފެށިގެން ބިލްކުރަމުންދަނީ ކުޑަކުރި އަގުގަގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިގޮތުން ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުން ނަގާ ފީކުޑަކުރުމާއި ގުޅިގެން މުދަލުގެ އަގު ހެޔޮކުރުމަށް ވިޔަފާރިވެރިންނަށް ފަސޭހަ ވާނެ ކަމުގައި އެމްޕީއެލް އިން ވަނީ ފާހަގަކުރައްވާފައެވެ.

އެމްޕީއެލްއިން ދަނީ ވިޔަފާރިވެރިންނަށް ފަސޭހަ، އަތްފޯރާ ހިދުމަތެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަސޭހައިން މުދާ ބާލާ، އުފުލޭނެ ގޮތާއި، އަދި ޕޯޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އެމްޕީއެލް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް އެ ކުންފުނީގައި ހަދާފައެވެ.

އެހެންނަމަވެސް މި ސްޓޯރޭޖް ފެސިލިޓީއާކު، މުދާ ގުދަންކޮށް ކޮންޓެއިނަރު އަވަހަށް ދޫކޮށްލައެވެ. އަދި އެ ކުންފުނީގެ ސްޓޯރޭޖް ފެސިލިޓީއަކީ ވަރަށް ކުޑަ އަގެއްގައި، މުދާ ކްލިއަރ ކުރެވެންދެން ބެހެއްޓޭނެ ފެސިލިޓީއެކެވެ.

އެމްޕީއެލްގެ ޕޯޓަށް އެވްރެޖްކޮށް ދުވާލަކު 187 ކޮންޓެއިނަރުގެ މުދާ ހުސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް