ރީ-ރެޖިސްޓްރޭޝަން އަދަދާމެދު ސުވާލު އުފެދި، އެ ލިސްޓު އާއްމު ކުރަން ޑިމޮކްރެޓްސްއިން ގޮވާލައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފެދި، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސްއިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވާލައިފިއެވެ. އީސީއިން ބުނެފައި ވަނީ، ރީ...

17 Sep 2023 | 11:50

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފެދި، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސްއިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވާލައިފިއެވެ.

އީސީއިން ބުނެފައި ވަނީ، ރީ-ރަޖިސްޓަރ ކުރަން ހުޅުވާލުމުން ދެ ދުވަހުގެ ތެރޭގައި25 ހާސް މީހުން ރީ-ރަޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރީ-ރަޖިސްޓާރ ކުރަން ތަރުހީބު ކުޑަ ވުމުން، އެކަމަށް އޮތް މުހުލަތު މީގެ ކުރިން އީސީއިން އެއްފަހަރަށްވުރެ ގިނަ ފަހަރު އިތުރު ކޮށްދީފައިވާ ކަމަށެވެ.

އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ބޭނުން ކޮށްފައި ވަނީ ސިއްސައިގެންދާހާ މަދު ބަޔަކު ކަމަށް އީސީން ބުންޏެވެ.

އެހެންކަމުން ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ޑިމޮކްރެޓްސްއިން އީސީއަސް ގޮވާލިއެވެ.

"އެއީ ގަސްތުގައި ވޯޓު ދިނުމުގެ ހައްގު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ނޫންކަން ޔަގީން ކުރުމަށް" ޑިމޮކްރެޓްސްގެ ބަޔާނުގައި ވެއެވެ.

ރީ-ރަޖިސްޓްރޭޝަންގެ މައްސަލަ ބޮޑުވެ އިދިކޮޅު ކޯލިޝަނުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ހުޅުވާލުމާއެކު ދެ ދުވަހުގެ ތެރޭގައި25 ހާސް މީހުން ރީ-ރެޖިސްޓަރ ވެފައި ވާކަމަށް އީސީން ބުނުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަަޑައިގަންނަވާހެން، އިދިކޮޅުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުް ފާޅު ކުރަމުންނެވެ.

މުއިއްޒު ވިދާޅުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓަރ ކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށާއި އެކަމަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމެއް ކަމަށެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއަށް މުހައްމަދު ތޮލާލް ވިދާޅުވީ، އެކަމާ ގުޅިގެން މިއަދު މެންދުރު ޕީޕީއެމްގެ ލީޑަރޝިޕުން އީސީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލު ވުމަށްފަހު، ދެކެވުނު ވާހަކަ މީޑިޔާއާ ހއިްސާ ކުރާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ކުއްލިއަކަށް ރީ-ރަޖިސްޓްރީ ކުރި މީހުންގެ އަދަދު ގިނަވުމުން ޑިމޮކްރެޓްސްގެ ފަރާތުން އީވާ އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ނަމަވެސް އެކަމަށް އެމްޑީޕީއިން ބުނެފައި ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރުމުގައި އީސީގެ މައްޗަށް ނުފޫޒު ފޯރުވާކަމަށްބުނެ ތުހުމަތުގެ އަޑު ފަތުރަނީ ބަލިވާނެކަން ޔަގީންވާތީ ކަމަށެވެ.

އިބޫ-އަސްލަމް ކެމްޕޭނު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކެމްޕޭނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެފަރާތްތަކަށް ޔަގީންވާތީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

“މިފަދަ އެއްވެސް ކަމެއް މި ކެމްޕޭނުގެ ފަރާތުން ނުކުރާކަމަށާއި ނުވެސް ކުރާނެކަމުގެ ކަށަވަރުކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި އިންތިހާބުގެ ކަންކަން އޮބްޒާވްކުރާ ފަރާތްތަކަށް އަރުވަމެވެ.” އެ ޓީމުން ބުނެފައިވެއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ރައްޔިތުން އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ-ރަޖިސްޓަރ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު ވޯޓު ލުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަށްވެސް އެ ޓީމުން އެދިފައިވެއެވެ.

އެ ޓީމުން އިތުރަށް ބުނެފައިވަނީ  ރީ-ރެޖިސްޓްރޭޝަން މަސައްކަތުގައި ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ހަރަކާތްތެރިވާ މި ޕާޓީތަކުގެ ހަރަކާތްތެރިންނާއި މި ރާއްޖެ އަލުން އަނބުރާ އަނިޔާވެރި އަނދިރި މާޒީގެ ތެރެއަށް ދިއުމަށް ނޭދޭ އާންމު ރައްޔިތުން ކުރި އަދި ކުރަމުންދާ މަސައްކަތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ ފަރާތުން ޝުކުރުވެރިކަމާއެކު މަރުހަބާ ދަންނަވާކަމަށާއި އަދި އެ މަސައްކަތް އިތުރު ޖޯޝާއެކު ކުރިއަށް ގެންގޮސް މިއަދު ހަވީރު 4:00 އާ ހަމަޔަށް ރީ-ރަޖިސްޓަރ ކުރަންޖެހޭ ހުރިހާ ރައްޔިތުން ރީ-ރަޖިސްޓަރ ކުރުމަށް ހުރިހާ ހަރަކާތްތެރިންނާއި ލޮބުވެތި ރައްޔިތުންނަށް ގޮވާލާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް