ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލު ކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެކޮޅުހައްދަވައފިއެވެ.
ޔާމީންއާ ބައްދަލު ކުރައްވަން އެދި ނަޝީދު ކަރެކްޝަންސްގައި އެދިފައި ވަނީ އިއްޔެއެވެ. ބައްދަލުވުން ބާއްވަން އެދުނީ މިއަދުގެ ވަގުތެއްގައެވެ.
ނަމަވެސް ކަރެކްޝަންސްގެ މީޑިޔާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނަޝީދުއާ ބައްދަލު ކުރައްވަން ޔާމީނު އުޒުރުވެރިވެ ވަޑައިގަންނަވާތީ، އެކަން މިހާރު ނަޝީދަށް އަންގާފައިވާ ކަމަށެވެ.
ނަޝީދު ޔާމިނާ ބައްދަލު ކުރައްވަން ވަޑައިގަންނަވަން މަސައްކަތް ކުރެއްވީ އިންތިހާބުގެ ކުރިން ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަށް ޕީޕީއެމްގެ ތާއީދު ހޯދުމަށާއި، ޕީޕީއެމްއާ ކޯލިޝަން ހަދައިގެން ބަރުލަމާނީ ނިޒާމަކަށް ބަދަލުވޭތޯ ޕީޕީއެމްގެ ތާއީދު ހޯދުމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އިއްތިހާދުގެ މަޝްވަރާތައް ކުރިއަށްދާއިރު ޑިމޮކްރެޓްސްގެ ނިންމުމަކީ ބަރުލަމާނީ ނިޒާމުގެ ވޯޓެއް މި މަހުގެ 25 ގައި ނެގުމަށް ކަމަށާއި އެ ހުށަހެޅުން ދެ ޕާޓީއަށްވެސް ހުށަހަޅާފައިވާނެކަމުގައި، ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ތަރުޖަމާނު ހަސަން ލަތީފް ވިދާޅުވީ ލިޔުމަކުން އެއްބަސްވުމަކަށް އެގޮތަށް ދާން ޕީޕީއެމްއިން އެއްބަސްނުވާކަމަށާއި ނަމަވެސް އަދި އެމްޑީޕީން އެކަމަށް ދެކޮޅަށް ނުހަދާ ކަމަށެވެ.
ހަސަން ވިދާޅުވީ ރައީސް ބޮޑުތަނުން ބަލިވެއްޖެ ކަމަށާއި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަކީ ޑިމޮކްރެޓްސް ކަމުގައިވާއިރު އެނޫން ވިސްނުމެއް އެ ޕާޓީގައި ނެތް ކަމަށެވެ.
ހަސަން މިހެން ވިދާޅުވެފައިވާއިރު ޑިމޮކްރެޓްސްއިން މިހާރު ވަނީ ނިޒާމީ ވޯޓެއްގެ މައްސަލަ މަޖިލީހުގެ ތަޅުމަށްވެސް ހުށަހަޅާފައެވެ. ބެލެވޭގޮތުގައި އެ މައްސަލައިގެ ބަހުސްތައް މި ފެށޭ ހަފްތާގައި ކުރިއަށްދާނެއެވެ.
ނިޒާމީ ވޯޓެއްގެ ވާހަކަ ޑިމޮކްރެޓްސްއިން ދައްކާއިރު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިލެއްވީ 15839 ވޯޓެވެ. އެއީ ވޯޓުލެވޭ އާބާދީގެ ހަތް އިންސައްތައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް