ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރުމުގައި އީސީގެ މައްޗަށް ނުފޫޒު ފޯރުވާކަމަށްބުނެ ތުހުމަތުގެ އަޑު ފަތުރަނީ ބަލިވާނެކަން ޔަގީންވާތީ ކަމުގައި އިބޫ-އަސްލަމް ކެމްޕޭނު ޓީމުން ބުނެފިއެވެ.
އެ ޓީމުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ޓީމުން ބުނެފައިވަނީ އެ ކެމްޕޭނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެފަރާތްތަކަށް ޔަގީންވާތީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
"މިފަދަ އެއްވެސް ކަމެއް މި ކެމްޕޭނުގެ ފަރާތުން ނުކުރާކަމަށާއި ނުވެސް ކުރާނެކަމުގެ ކަށަވަރުކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި އިންތިހާބުގެ ކަންކަން އޮބްޒާވްކުރާ ފަރާތްތަކަށް އަރުވަމެވެ." އެ ޓީމުން ބުނެފައިވެއެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ރައްޔިތުން އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ-ރަޖިސްޓަރ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު ވޯޓު ލުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަށްވެސް އެ ޓީމުން އެދިފައިވެއެވެ.
އެ ޓީމުން އިތުރަށް ބުނެފައިވަނީ ރީ-ރެޖިސްޓްރޭޝަން މަސައްކަތުގައި ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ހަރަކާތްތެރިވާ މި ޕާޓީތަކުގެ ހަރަކާތްތެރިންނާއި މި ރާއްޖެ އަލުން އަނބުރާ އަނިޔާވެރި އަނދިރި މާޒީގެ ތެރެއަށް ދިއުމަށް ނޭދޭ އާންމު ރައްޔިތުން ކުރި އަދި ކުރަމުންދާ މަސައްކަތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ ފަރާތުން ޝުކުރުވެރިކަމާއެކު މަރުހަބާ ދަންނަވާކަމަށާއި އަދި އެ މަސައްކަތް އިތުރު ޖޯޝާއެކު ކުރިއަށް ގެންގޮސް މިއަދު ހަވީރު 4:00 އާ ހަމަޔަށް ރީ-ރަޖިސްޓަރ ކުރަންޖެހޭ ހުރިހާ ރައްޔިތުން ރީ-ރަޖިސްޓަރ ކުރުމަށް ހުރިހާ ހަރަކާތްތެރިންނާއި ލޮބުވެތި ރައްޔިތުންނަށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް