ކުރު މުއްދަތެއްގައި ގިނަ ބަޔަކު ރީ-ރަޖިސްޓަ ވުމުން އީވާވެސް އެކަމާ ސުވާލު އުފައްދައިފި

ކުރު މުއްދަތެއްގައި ގިނަ ބަޔަކު ރީ-ރަޖިސްޓަ ވުމުން ދަ ޑިމޮކްރެޓްގެ ފަރާތުން އީވާ އަބްދުﷲވެސް އެކަމާ ސުވާލު އުފައްދައިފިއެވެ. އީވާ ވިދާޅުވީ، ފުރަތަމަ ބުރުގައި އެހާ ތަރުހީބު ކުޑަކޮށް ވޯޓުގެ ކަންތައް ކުރ...

17 Sep 2023 | 07:35

ކުރު މުއްދަތެއްގައި ގިނަ ބަޔަކު ރީ-ރަޖިސްޓަ ވުމުން ދަ ޑިމޮކްރެޓްގެ ފަރާތުން އީވާ އަބްދުﷲވެސް އެކަމާ ސުވާލު އުފައްދައިފިއެވެ.

އީވާ ވިދާޅުވީ، ފުރަތަމަ ބުރުގައި އެހާ ތަރުހީބު ކުޑަކޮށް ވޯޓުގެ ކަންތައް ކުރިއަށް ދިއުމަށްފަހު، ދެވަނަ ބުރުގައި ކުއްލިއަކަށް ރީ-ރަޖިސްޓަރ ކުރި މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އަދި އެކަން ރަނގަޅަށް ބެލުމަށް އީވާ ވަނީ އީސީއަށް ގޮވާލާފައެވެ.

ދެ ދުވަހުން 25 ހާސް މީހުން ރީ-ރަޖިސްޓްރީ ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓަރ ކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށާއި އެކަމަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ގިނަ މީހުން ވޯޓު ލުމުގެ ހައްގުގެ ބޭނުން ހިފުމަކީ ކެނޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

“ވީހާވެސް ގިނަ ރައްޔިތުން، އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފަން އުޅުމަކީ އިންތިހާބެއްގަ ވާދަކުރާ ކެނޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން” އަނަސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިން ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ރީ-ރެޖިސްޓްރީ ކުރުމަށް މިހާތަނަށް 25 ހާހަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

މިކަން ހާމަކޮށް އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ފުރަތަމަ ދުވަހު 9206 އަދި ދެވަނަ ދުވަހު 16287 ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާކަމަށެވެ.

“މިހާތަނަށް ޖުމްލަ 25،493 ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވޭ” ހަބީބް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާގޮތުގައި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 އަދި ދެވަނަ ދުވަހު 11،082 މީހަކު ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވެއެވެ. އެއާއެކު އޮންލައިންކޮށް ހުށަހެޅި ޖުމްލަ އަދަދު 18،349 އަށް އަރައެވެ.

މިހާތަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 10،271 މީހަކު ރީ-ރަޖިސްޓްރީކޮށްދީފައިވާއިރު އެކި ސަބަބުތަކާހުރެ މިހާތަނަށް 1546 ފޯމެއް ރިޖެކްޓްވެފައިވާކަން ހަބީބް ފާހަގަކުރއްވާފައިވެއެވެ.

“ފޯމުތައް ރިޖެކްޓްވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަނުވާތީ، އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިން ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ” ހަބީބް ވިދާޅުވެފައިވެއެވެ.

އިލެކްޝަން އިން މައުލޫމާތުދެއްވާގޮތުގައި ފޯމުތަކުގެ ސައްހަކަން ކަށަވަރުވީހާ އަވަހަކަށް ރީ-ރަޖިސްޓްރީ ކުރެވުނުކަމުގެ މެސެޖު ލިބިގެންދާނެއެވެ.

މިއަދުގެ ހަވީރު 04:00 ގެ ކުރިން، ރީ-ރަޖިސްޓްރީ ކުރަން ހުށަ ނާޅައިފިނަމަ ރިޔާސީ އިންތިހާބު 2023 ގައި ދެން އެ ފުރުސަތު ލިބުމަކީ ނާދިރުކަމެއް ކަމުގައި އިލެކްޝަންސް އިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް