ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރިއާ އޭ(A)، ބީ(B)، އީ(E) އަދި އެފް(F) ގެ އަމަލީ މަސައްކަތް ވަނީ 14 ސެޕްޓެމްބަރ ގައި ރަސްމީކޮށް ފަށާފައިވާކަމަށ...

17 Sep 2023 | 05:31

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރިއާ އޭ(A)، ބީ(B)، އީ(E) އަދި އެފް(F) ގެ އަމަލީ މަސައްކަތް ވަނީ 14 ސެޕްޓެމްބަރ ގައި ރަސްމީކޮށް ފަށާފައިވާކަމަށް އަރބަންކޯއިން ބުނެފިއެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުވަނީ 14 ސެޕްޓެމްބަރ ގައި ފަށައިފައެވެ. މި މަޝްރޫޢަކީ އަރބަންކޯ އަދި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.

އެގޮތުން ތިލަފުށީގެ އޭރިއާ ސީ(C) އަދި ޑީ(D) ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު، މި ފެށިފައި އޭރިއާ ބީ(B) ގެ ބިންހިއްކުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން އެރިއާ އޭ(A) އިން 71.5 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، އެރިއާ ބީ(B) އިން 39.6 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ. އަދި މީގެ އިތުރުން އޭރިއާ އީ(E) އިން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިގެންދާއިރު އޭރިއާ އެފް(F) އިން 0.73 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށް އަރބަންކޯއިން ބުނެއެވެ.

"ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންޤިލާބީ ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން މާލެ ސަރަޙައްދު ތަރައްޤީކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. ހަމަ މިއާއެކު އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމަޢަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެންދާނެ" އަރބަންކޯއިން ބުނެފައިވެއެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްޙައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އަރބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށާއި އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިޞާދީ ގޮތުން އިންޤިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެކަން އަރބަންކޯއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް