ދަ ޑިމޮކްރެޓްސްގެ ރޫހާނީ ލީޑަރު، ރައީސް މުހައްމަދު ނަޝީދު އޭނާ ކުރިން ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކާއެކު މިއަދުވެސް ނިޒާމީ ބަދަލުގެ ވާހަކައިން ދުވަސް ފައްޓަވައިފިއެވެ.
އެގޮތުން ރައީސް ނަޝީދު އެމަނިކުފާނުގެ އަންއޮފިޝަލް ޓްވިޓާ އެކައުންޓުން މިއަދު ހިއްސާ ކުރެއްވީ ބަރުލަމާނީ ނިޒާމާއި ބެހޭގޮތުން މިދިޔަ އަހަރުގެ އޯގަސްޓްގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގެ ފުރަތަމަ ދުވަހު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެކެވެ.
އެދުވަހު ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނެގެން މިއޮތީ 112000 ވޯޓު ކަމަށާއި އެއީ އެމްޑީޕީގެ ދެ ފެކްޝަން އެކީގައި އޮވެއްޖެ ނަމަ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ވޯޓު އެއްކޮށްލުމުން އެ އަދަދާއި ގާތް އަދަދެއް ލިބިފައިވެއެވެ.
"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން އަޅުގަނޑު ދެކޭގޮތުގައި އޮނިގަނޑުގެ ބަދަލާ ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ އެއީ 47 ހާސް މީހުން" ރައީސް ނަޝީދު އެދުވަހު ވިދާޅުވިއެވެ.
އެއަށްފަހު އައި ބަދަލުތަކަށްފަހު އެމްޑީޕީ ބައިބައިވެ އެމްޑީޕީގެ ތެރެއިން ބަޔަކު ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހަދާ، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެ ވާދަކޮށް 15 ހާހަށްވުރެ ގިނަ ވޯޓު ހޯދާފައިވާއިރު ދަ ޑިމޮކްރެޓްސްއިން މިވަގުތު ވަކާލާތު ކުރަމުން އަންނަނީ މި މަހުގެ 25ގައި ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށެވެ.
އެގޮތުން ނިޒާމީ ވޯޓެއްގެ މައްސަލަ މަޖިލީހުގެ ތަޅުމަށްވެސް މިހާރު ވައްދާފައިވާއިރު މާދަމާ މަޖިލީހުގެ ޖަލްސާތައް މި ހަފްތާއަށް ފެށޭއިރު މި ބަހުސް ކުރިއަށްދާނެކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް