ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިން ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ރީ-ރެޖިސްޓްރީ ކުރުމަށް މިހާތަނަށް 25 ހާހަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ފުރަތަމަ ދުވަހު 9206 އަދި ދެވަނަ ދުވަހު 16287 ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާކަމަށެވެ.
"މިހާތަނަށް ޖުމްލަ 25،493 ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވޭ" ހަބީބް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވާގޮތުގައި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 އަދި ދެވަނަ ދުވަހު 11،082 މީހަކު ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވެއެވެ. އެއާއެކު އޮންލައިންކޮށް ހުށަހެޅި ޖުމްލަ އަދަދު 18،349 އަށް އަރައެވެ.
މިހާތަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 10،271 މީހަކު ރީ-ރަޖިސްޓްރީކޮށްދީފައިވާއިރު އެކި ސަބަބުތަކާހުރެ މިހާތަނަށް 1546 ފޯމެއް ރިޖެކްޓްވެފައިވާކަން ހަބީބް ފާހަގަކުރއްވާފައިވެއެވެ.
"ފޯމުތައް ރިޖެކްޓްވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަނުވާތީ، އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިން ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ" ހަބީބް ވިދާޅުވެފައިވެއެވެ.
އިލެކްޝަން އިން މައުލޫމާތުދެއްވާގޮތުގައި ފޯމުތަކުގެ ސައްހަކަން ކަށަވަރުވީހާ އަވަހަކަށް ރީ-ރަޖިސްޓްރީ ކުރެވުނުކަމުގެ މެސެޖު ލިބިގެންދާނެއެވެ.
މިއަދުގެ ހަވީރު 04:00 ގެ ކުރިން، ރީ-ރަޖިސްޓްރީ ކުރަން ހުށަ ނާޅައިފިނަމަ ރިޔާސީ އިންތިހާބު 2023 ގައި ދެން އެ ފުރުސަތު ލިބުމަކީ ނާދިރުކަމެއް ކަމުގައި އިލެކްޝަންސް އިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް