ޗައިނާގެ އިތުރު 17 އަސްކަރީ ފްލައިޓު ޓައިވާންގެ ވައިގެ ސަރަހައްދަށް ވަނުމުން ވަރުގަދަ އިންޒާރެއް!

ޗައިނާގެ ވައިގެ އަސްކަރިއްޔާގެ 17 އުޅަނދެއް މިދިޔަ ހަފްތާގައި ޓައިވާންގެ ވައިގެ ސަރަހައްދަށް ވަނުމާއި އެކު އިތުރަށް މައްސަލަ ހޫނުވާން ފަށައިފި އެވެ. އެ އުޅަނދުތައް ދެގައުމުން ހިއްސާ ކުރާ ވައިގެ ސަރަހަ...

17 Sep 2022 | 18:47

ޗައިނާގެ ވައިގެ އަސްކަރިއްޔާގެ 17 އުޅަނދެއް މިދިޔަ ހަފްތާގައި ޓައިވާންގެ ވައިގެ ސަރަހައްދަށް ވަނުމާއި އެކު އިތުރަށް މައްސަލަ ހޫނުވާން ފަށައިފި އެވެ.

އެ އުޅަނދުތައް ދެގައުމުން ހިއްސާ ކުރާ ވައިގެ ސަރަހައްދަށް ވަތްކަން ހާމަ ކުރީ ޓައިވާންގެ ޑިފެންސް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނީ އެ މަތިންދާ ބޯޓުތައް އެ ސަރަހައްދަށް ވަދެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށާއި އެއީ ޓައިވާންގެ ސަރަހައްދެއް ކަމަށެވެ.

ޓައިވާންގެ ރައީސް ޓްސައި އިންގް ވެން ވިދާޅުވީ ޗައިނާއިން ވަޔާއި ކަނޑު މަގުން އެ ގައުމަށް ވެރިވެ ގަތުމަށް ކުރަމުންދާ މަސައްކަތަކީ ހަނގުރާމަ ނުކޮށް ޓައިވާން އަސްކަރިއްޔާ އާއި ގައުމަށް އަރައި ގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާގެ މި އަމަލުތަކުގެ ސަބަބުން އެ ގައުމަށް ހަމަޖެހުން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

ވެން ވިދާޅުވީ އެގައުމުގެ ސަރަހައްދަށް ވަދެ ޑްރޯން ފޮނުވައިގެން ދައްކަމުންދާ ބިރަށް ޓައިވާން ސިފައިން ބިރު ނުގަންނާނެ ކަމަށެވެ. އަދި ސިފައިންގެ ބަދަހި ސަފުތައް ޗައިނާދެކެ ބިރުން ފަހަތަށްވެސް ނުޖެހޭނެ ކަމަށް ބުނެ އިންޒާރު ދެއްވާފައިވެ އެވެ.

ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ދެ ގައުމުގެ ހަމަޖެހުމަށް ކުރަމުންދާ މަސައްކަތާއި ސުލްހައިގެ ވާހަކަތަކަށް ޗައިނާގެ މި އަމަލުން އަސަރު ކުރާނެ ކަމަށެވެ.

ޓައިވާނުން ގޮތް ދޫނުކޮށް މިނިވަންވާން ކުރަމުންދާ މަސައްކަތަށް އެމެރިކާއިން ދަނީ އަސްކަރީގޮތުން އެހީވަމުންނެވެ. އެގޮތުން1.09 ބިލިއަން އެމެރިކާގެ ޑޮލަރުގެ ވަޔާއި ކަނޑުގެ އަސްކަރީ އާލާތްތައް ޓައިވާނަށް ވަނީ ފޯރުކޮށްދީފަ އެވެ.

މި މައްސަލައިގަ ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާއިން އިތުރަށް މައްސަލަ އުފައްދަމުންދާ ކަމަށް ބުނެފަ އެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާ އާއި ޓައިވާން މައްސަލަ ދަނީ އިތުރަށް ހޫނު ވަމުންނެވެ. ޗައިނާއިން ތަކުރާރުކޮށް ބުނަމުންދަނީ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށާއި ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަހައްދުގައި އެ ގައުމުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މިފަހަރު މައްސަލަ ހޫނުވެގެން އުޅެނީ ޗައިނާއިން ދެކޮޅު ހަދަމުން ދަނިކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ޓައިވާނަށް ޒިޔާރަތް ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް