ސައުދީގައި އަމިއްލަ މީހުންނާއި ވިޔަފާރި ޕްރޮމޯޓު ކުރަން ގައުމީ ދިދަ ބޭނުން ކުރުން މަނާކޮށްފި

އަމިއްލަ މީހުންނާއި ވިޔަފާރި ޕްރޮމޯޓު ކުރުމަށް ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ ބޭނުން ކުރުން މަނާކޮށްފި އެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމާސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ފަރާތުން ގައުމީ ދިދަ...

17 Sep 2022 | 07:44

އަމިއްލަ މީހުންނާއި ވިޔަފާރި ޕްރޮމޯޓު ކުރުމަށް ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ ބޭނުން ކުރުން މަނާކޮށްފި އެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމާސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ފަރާތުން ގައުމީ ދިދަ ބޭނުން ކުރާއިރު އެމީހެއްގެ ނުވަތަ ވިޔަފާރިއެއްގެ އުފެއްފުމެއް އިޝްތިހާރު ކުރުމަށް ދިދަ ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު މައުލޫމާތު ތަކާއި އެކު އާންމު ކުރާ ލީފްލެޓުތަކާއި ކާޑުތައް ހިމެނެ އެވެ.

ދިދަ ބޭނުން ކުރުން މަނާ ކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ސައުދީގެ ގައުމީ ދިދައިގަ "ﷲ" ލިޔެފައިވާތީ އާއި ދިދައިން ރަމްޒުކޮށްދޭ ދެ ކަނޑިއާއި ރުއް ޖަހާފައިވާތީ އެވެ. މި އެންގުމުގައި ވަނީ ސައުދީގެ ލީޑަރުންނާއި އިސް އޮފިޝަލުންގެ ފޮޓޯވެސް ޕްރޮމޯޝަންތަކުގައި ބޭނުން ކުރުން މަނާކޮށްފަ އެވެ.

މިފިޔަވަޅު އެޅީ ސައުދީގެ އެކި ރީޖަން ތަކުގައި އެ މިނިސްޓްރީން ހިންގި އިންސްޕެކްޝަނަކަށް ފަހު އެވެ. އޭގައި ފާހަގަވި ކަންކަމުގެ ތެރޭގައި ގައުމީ ދުވަސް ފަދަ ދުވަސްތައް ފާހަގަ ކުރުމަށް ވިޔަފާޜިތަކުން ހިންގާ ތަފާތު ޕްރޮމޯޝަންތަކުގައި ދިދަ ދަނީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ކަމަށާއި އޮންލައިން ވިޔަފާރިތަކުގައިވެސް ދިދަ ބޭނުން ކުރަމުންދާ ކަމަށެވެ.

މި އެންގުމާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ. މިފަދަ ގަވައިދެއް ހަދާފައި މިވަނީ އަންނަ ހުކުރު ސައުދީގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

މީގެ ހަތަރު އަހަރު ކުރިން އެ މިނިސްޓްރީން ވަނީ ދިދައިގަ ހިމެނޭ ރުކާއި ކަނޑި ރަމްޒުކޮށްދޭ ނިޝާންތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުން ކުރުންވެސް މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް