އިންޑިއާގެ އެކި ސަރަަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގަ އުއްތަރް ޕްރަދޭޝްއިން އިއްޔެ 22 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މަރުވެފައިވަނީ އެ ސްޓޭޓްގެ އެކި ސިޓީތަކާއި ޑިސްޓްރިކްޓުތަކުން ވިއްސާރަ އާއި ގުޅުންހުރި އެކި ހާދިސާތަކުގައި ކަމަށެވެ. އެ ސްޓޭޓްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިއަދުވެސް އުއްތަރް ޕްރަދޭޝްގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފަ އެވެ.
މަރުވި މީހުންގެ ތެރޭގައި ފެން ބޮޑުވެ ބައެއް ސަރަހައްދުތަކުން ސަލާމަތް ނުވެވިގެން މަރުވި މީހުން ހިމެނެ އެވެ. ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގެދޮރު ބިމާހަމަވެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެގެން މަރުވެފައިވެ އެވެ. ގިނަ މީހުންނަކީ އިމާރާތެއް ހަދަން މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތް ވެއްޓި އެތަނުގެ ދަށުގައި ތާށިވެގެން މަރުވި މީހުންނެވެ.
ވިއްސާރައިގަ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ހަތަރު ލައްކަ އިންޑިއާ ރުޕީސް ދޭން ނިންމަން އެކަން އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވަނީ އިއުލާނު ކުރައްވާފަ އެވެ.
އެ ސްޓޭޓްގެ އިތުރުން އެ ގައުމުގެ ސްޓޭޓްތައް ކަމަށްވާ ކަރްނާޓަކާ ސްޓޭޓާއި، މަދްޔަ ޕްރަދޭޝްގެ އިތުރުން އުތްރަހާންދަށް ދަނީ ވިއްސާރައިގަ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. މިއަހަރުގެ މޫސުމީ ވިއްސާރައިގަ މިހާތަނަށް އިންޑިއާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އަސާމް ސްޓޭޓަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް