މި މަހު 14 ގެ ނިޔަލަށް 51 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މި ސެޕްޓެމްބަރ މަުގެ 1 އިން 14ގެ ނިޔަލަށް 51،400 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވަނީ 1،130،035 އަށް އަރާފައެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހުވަނީ 149،008 ފަތުރުވެރިން އައިސްފައެވެ. އަދި މާރޗް މަހު 150،739 އައިސްފައިވާއިރު، އެޕްރީލް މަހު އައީ 145،280 ފަތުރުވެރިންނެވެ.
މީގެ އިތުރުން މެއި މަހު 125،522 އައި އިރު، ޖޫން މަހު 110،889 އަދި ޖުލައި މަހު 133،561 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އޮގްސްޓު މަހު 131،862 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،583 އެނދު ހުރިއިރު، އޭގެތެރޭގައި 170 ރިސޯޓުގައި ހުރި 41،175 އެނދު، 863 ހޮޓެލް، ގެސްޓްހައުސްގައި 15،500 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 1616 އެނދު ހިމެނެއެވެ.
ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނައިރު، މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވެއެވެ. އަދި މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް