ފުވައްމުލައް ސިޓީގެ ފުރަބަންދު އުވާލައި، ޢާންމުކޮށް ހުޅުވާލައިފި އެވެ.
މިދިޔަ މަހުގެ 21 ގައި މޮނިޓަރިންގެ ހާލަތަށް ގެނައި ފުވައްމުލަކު ސިޓީ އެޗްޕީއޭ އިން ޢާންމު ހާލަތަށް ގެނައީ މިއަދު އެވެ.
ފުވައްމުލައް ސިޓީ މީގެ ކުރިން ވެސް ވަނީ މޮނިޓަރިންގ އަށް ލާފަ އެވެ. އެއީ މީގެ ހަތަރު މަސްދުވަސް ކުރިން މިދިޔަ މެއި 6 ގަ އެވެ. އެފަހަރު ފުވައްމުލައް ސިޓީ ހުޅުވާލާފައި ވަނީ އޭގެ 91 ދުވަސް ފަހުން ނެވެ.
އެ ސިޓީގެ އިތުރުން ތ. ވޭމަންޑޫ އާއި އެ އަތޮޅު ދިޔަމިގިލި އަދި ގއ. މާމެންދޫ ވެސް ވަނީ ދާދިފަހުން މޮނިޓަރިންގ އަށް ލާފަ އެވެ.
ވޭމަންޑޫ މޮނިޓަރިންނަށް ލީ އަލާމާތްތަކެއް ހުރުމުގެ ސަބަބުން އެ ރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެ މީހުން ޕޮޒިޓިވް ވުމުން ނެވެ.
ދިޔަމިގިލީގައި ހުން އައިސްގެން މީހުން އުޅޭތާ ދުވަސްކޮޅެއް ވެފައިވުމުން ގޭގެއަށް ގޮސް ނެގި ސާމްޕަލްތަކުގެ ތެރެއިން 14 މީހުން ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންގ އަށް ލީ އިރު، މާމެންދޫ ފުރަބަންދު ކުރީ އެ ރަށުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރޭތީ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާ އިރު، މޮނިޓަރިންގ ގައި މިހާރުވެސް 20 ރަށެއް އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް