ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ރައްޔިތުމީހާއަށް ހެޔޮއަގުގައި ތަކެތި ގަންނަންލިބުމަށް މަގުފަހިވާނެ: މިނިސްޓަރ މާރިޔާ

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިއަދު ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމަށް ދިފާޢީ ވ...

17 Sep 2021 | 10:22

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިއަދު ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމަށް ދިފާޢީ ވަޒީރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައިު މިނިސްޓަރ ވިދާޅުވީ މި އޮފީހުގެ ސަބަބުން ވިޔަފާރީގެ ޚަރަދު ކުޑަވެ، ރައްޔިތުމީހާއަށް ހެޔޮއަގުގައި ތަކެތި ގަންނަންލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"ކަސްޓަމްސްއިން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއް. ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި ވަނީ އިތުރުވެފަ." މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރުވެރިކަމާ ކުޅަދާނަކަން ފާހަގަކޮށް މި މުހިއްމު ޤައުމީ ޚިދުމަތް ދިނުމަށްޓަކައި ހީވާގިކަމާއެކު ކަސްޓަމްސް އޮފިސަރުން ކޮށްދެއްވައި އަގުހުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އަލަށް މި ޤާއިމް ކުރެވުނު އިމާރާތަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ ސިނާޢަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ބިނާއަކަށް ވެގެންދާނެ ކަމަށެވެ.

އެންމެފަހުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު ބަދަލާއިއެކު ރަސްމީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން %50 ޑިއުޓީ މަޢާފްކުރުމަށް ހަމަޖެހުމާއެކު މި ސަރަހައްދުން ޚިދުމަތް ހޯއްދަވާ ފަރާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މި އޮފީސް އިމާރާތުގެ ސަބަބުން ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިމާއެކު މާލޭ ކޮމަރޝަލް ބަނދަރުގެ ޓްރެފިކަށް ލުއެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރ ގެ ވާހަކައިގާ ވަނީ ކަސްޓަމްސްގެ ކޯލް ސެންޓަރ އެ އިމާރާތުގައި މިހާރުވެސް ހިނގަމުންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ފެސިލިޓީގައި ބޯޑަރުގައި މަސައްކަތްކުރައްވާ އިދާރާތަކާއެކު ގައުމީ ފެންވަރުގެ ތަމްރީނުތައް ހިންގުމަށް ރޭވިފައިވާއިރު، މި ފެސިލިޓީއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއިން އެކްރެޑިޓްކޮށްފައިވާ ރީޖަނަލް ޓްރެއިނިންގ ސެންޓަރަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ކޮމިޝަނަރ ޖެނެރަލް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މި ރަސްމިއްޔާތުގައި ވިދާޅުވީ ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ ރައްޔިތުންނާ ވިޔަފާރިވެރިންނަށް ގިނަ ޚިދުމަތްތަކެއް  ފޯރުކޮށް ދެމުންއަންނަ ރަށަކަށްވެފައި، މި ހުޅުވުނު ކަސްޓަމްސްގެ ނޯތް ރީޖަނަލް ހެޑް އޮފީހާއެކު ކުޅުދުއްފުށިން ދެމުންގެންދާ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެމް.އެން.ޑީ.އެފް އަދި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 2017 ވަނަ އަހަރު ހަވާލުކޮށްފައިވަނީ  އެސް.ޖޭ ކޮންސްޓްރަކްޝަން އާ އެވެ.

16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްފައިވާ މި ޢިމާރާތުގައި 3 ބުރީގެ އިމާރާތުގައި އޮފީސް އޭރިޔާއަކާއި، ރީޖަނަލް ޓްރެއިނިންގ ސެންޓަރެއް އަދި ސްޓާފް އެކަމަޑޭޝަންބައެއް ވަނީ ޤާއިމް ކުރެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް