މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެ ބޭނުންކުރާ މީހާ ހަމަބުއްދިން އެއްކިބާކޮށްލާ އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ އޭގެ ނަތީޖާއެއްގެ ގޮތުން ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖުތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެންދާ ކަމަށެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހުވެގެންދާ ކަމަށެވެ.
އިސްލާމް ދީނުގައި މަސްތުވާ ހުރިހާ ބާވަތެއް ޙަރާމް ކުރައްވާފައިވަނީ އެއިން ލިބޭ ގެއްލުމުން މުޖުތަމައާއި އަފްރާދުން ސަލާމަތްކޮށްދިނުމަށް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.
"މިއަދު އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމައުގައި މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް ޢާއިލާއެއް މަދު. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ހިންގުމާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ޚާއްސަ ކެފޭ ތައް ސިއްރިޔާތުގައި ހިންގުމަކީ މިއަދު ފެންނަން އޮތް ހަގީގަތެއް." ޚުތުބާ ގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ މުޖުތަމައުގައި ހިނގާ ގެޗެށި އަނިޔާގެ ގިނަ މައްސަލަތަކުގައި މަސްތުވާތަކެތީގެ ބޮޑު ދައުރެއް އޮންނަކަމީ ހަގީގަތެއް ކަމަށާއި މާރާމާރީ އާއި މީހުން މެރުމާއި ވައްކަމާއި އެހެނިހެން އެތައް މައްސަލަތަކެއް ގިނަފަހަރަށް ގުޅިފައިވަނީ ސީދާ މަސްތުވާތަކެއްޗާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް