މި ސަރުކާރުގެ ތަސައްވުރަކީ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޕްރޮފެޝަނަލްކަމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވުންކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ހއ. އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ އުލިގަމު ބަނދަރު ފުޅާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަން ދެއްވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކީ ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، މިނިސްޓަރ ވަނީ އޮފިސަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ، ކަސްޓަމްސްއިން އިސްނަގައިގެން އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކުން ނެގޭ ފީތައް ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް ވަންނަ ޔޮޓްތައް އިތުރުވެ، ރަށަށް އެކިގޮތްގޮތުން ފައިދާ އާއި މަންފާ ކުރާކަން ފާހަގަކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އަލަށް މިޤާއިމްކުރެވުނު އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރައްވާނީ އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކަށް ލުއި ފަސޭހަކަމާއެކު އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މުސްތަޤްބަލްގައި މިސަރަހައްދުގައި ބޮންޑެޑްވެއަރހައުސްގެ ޚިދުމަތް ޤާއިމްކޮށް ސަރަހައްދުގެ ރިސޯރޓްތަކަށް މި ވެއަރހައުސްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އުލިގަމު ކަސްޓަމްސް އިމާރާތް ހުޅުވުމާއެކު، އުލިގަމުގައި ސަރުކާރުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ޤާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބުވުމަށް މަގުފެހިވެގެންދާނެކަމަށް ވިދާޅުވި އެވެ.
ކޮމިޝަނަރ ޖެނެރަލް ވަނީ ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ސަލީމް ވިދާޅުވީ މިފަދަ ޚިދުމަތެއް އުލިގަމުގައި ފުޅާވެގެން ދިޔުމަކީ ރަށުގެ އިތުރުން މި ސަރަޙައްދަށާއި ސަރަޙައްދުން ބޭރަށް، ސީދާގޮތުންނާ ނުސީދާގޮތުން އެތައް ފައިދާއެއް ކުރާނެ މުހިއްމު ކަމެއް ކަމަށެވެ.
އުލިގަމު ކަސްޓަމްސް އިމާރާތް ޤާއިމްކުރުމަށް 5.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވާފައިވާއިރު، މި އިމާރާތުގެ މަސައްކަތް ނިންމައިދީފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަން އިންނެވެ.
އުލިގަމު ކަސްޓަމްސް އިމާރާތް ކުރިމަތީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އުލިގަމު ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެމްބަރުންނާއި އެމް.އެން.ޑީ.އެފްގެ އިސް އޮފިޝަލުންނާއި ކަސްޓަމްސް ގެ އިސް ވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް