އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ތޯލިބާނުންގެ ލީޑަރަކާއި މުނާ އާއި މުހައްމަދު!

ޓައިމް މަޖައްލާ އިން އަހަރަކު އެއްފަހަރު ކަނޑައަޅާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ތޯލިބާނުންގެ ވެރިއަކާއި ފަލަސްތީނުގެ ދެ އެކްޓިވިސްޓަކު ހިމެނިއްޖެ އެވެ. އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތ...

17 Sep 2021 | 05:32

ޓައިމް މަޖައްލާ އިން އަހަރަކު އެއްފަހަރު ކަނޑައަޅާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ތޯލިބާނުންގެ ވެރިއަކާއި ފަލަސްތީނުގެ ދެ އެކްޓިވިސްޓަކު ހިމެނިއްޖެ އެވެ.

އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތު ކަނޑައެޅުމުގައި މީހުން ދަރަޖަކުރުމެއް ނޯވެ އެވެ. މި ލިސްޓުގައި މިފަހަރު ހިމަނާފައިވާ 100 މީހުންގެ ތެރެއިން 54 މީހުންނަކީ އަންހެނުންނެވެ.

ލިސްޓުގައި ފާހަގަ ކޮށްލެވޭ މީހުންގެ ތެރޭގައި ތޯލިބާނުން އަފްގާނިސްތާނުގައި އެކުލަވާލާފައިވާ ވަގުތީ އާ ސަރުކާރުގެ ބޮޑުވަޒީރުގެ ނައިބު މުއްލާ އަބްދުލްގަނީ ބަރާދަރު ހިމެނެ އެވެ. އޭނާ ލިސްޓުގައި ހިމަނާފައިވަނީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެއްވި މަސައްކަތަށް ބަލައިފަ އެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ވަރުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަދި އެއްމާބަނޑު ދެބެން ކަމަށްވާ މުހައްމަދު އަލް ކުރްދު އާއި މުނާ އަލް ކުރްދު އެވެ. މި ދެމީހުން މުޅިދުނިޔެއަށް މަޝްހޫރުވީ އެމީހުންގެ އަވަށް ކަމަށްވާ ޝައިޚް ޖައްރާހުގައި އިޒްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނު ރައްޔިތުންގެ ގެދޮރުން އެމީހުން ނެރެން ހިންގާ ސިއްރު އޮޕަރޭޝަން މުޅި ދުނިޔެއަށް ފަޅާ އަރުވާލި ދެބެންނަށް ވާތީ އެވެ.

އެ މައްސަލައިގަ މީގެ ދެ މަހެއްހާ ދުވަސް ކުރިންވެސް މުނާ އާއި މުހައްމަދު އިސްރާއީލް ސިފައިން ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރެއްހާއިރު ބޭތިއްބި އެވެ. އެ ދުވަހު ބަންދުން ދޫކޮށް ލުމުން ދެބެން ޖޯޝުގައި ފުލުހުންގެ އިދާރާއިން ނުކުތީ އިންސްޓަގްރާމްގައި ލައިވް ޖައްސައިގެންނެވެ.

އެ ލިސްޓުގައި ހިމެނުނު އިތުރު މީހުންގެ ތެރޭގައި އެމެރިކާގެ އޮލިމްޕިކް ޖިމްނާސްޓިކް ކުޅުންތެރިޔާ ސިމޯން ބައިލްސް، އީރާންގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ ނަސްރީން ސޮތޫދު ހިމެނެ އެވެ. އަދި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން އާއި، މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް ހިމެނެ އެވެ. އޭގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް