ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ފްލެޓު ލިބުނު މީހުންގެ މައުލޫމާތު އާންމު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.
އިދިކޮޅު އިއްތިހާދުން ކުރިޔަށް ގެންދާ މި ހަރަކާތުގެ ދަށުން އެމްޑީޕީ ހަރުގެ، ކުނޫޒު އަދި އެމްޑީޕީ އޮފީހުގައި ޕެޓިޝަންގައި ސޮއި ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.
އެ ޕެޓިޝަންގައި ގޮވާލާފައިވަނީ ފްލެޓަށް އެދި ފޯމް ހުށަހެޅި 15،000 މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން ފްލެޓު ލިބުނު މީހުންގެ މައުލޫމާތު ހާމަ ކުރަން ޖެހޭ ކަމަށެވެ. އަދި ފްލެޓް ލިބޭނެ ކަން ޔަގީންވާ ވަރަށް ޕޮއިންޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ނުލިބި އެއަށްވުރެ މާ ދަށުން ޕޮއިނޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓު ލިބުމަކީ ސަރުކާރުން އިންސާފުވެރިކަމާއި އެކު އަމަލު ނުކުރާކަން ހާމަކޮށްދޭ ކަމެއްކަމަށް ބުނެފައިވެ އެވެ.
ފްލެޓުގެ މައްސަލައިގަ ޕެޓިޝަނެއްގައި އިދިކޮޅު ފަރާތްތަކުން ސޮއި ކުރަން ފަށާފައިވާއިރު އިދިކޮޅު ބައެއް މަޖިލީސް މެންބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރުން މިއަދު ވަނީ ހަމަ އެ މައްސަލައިގަ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒާ ބައްދަލު ކުރަން ހައުސިން މިނިސްޓްރީއަށް ވަޑައިގެންފަ އެވެ.
އެކަމަކު ގަޑިއެއްހާއިރު ތިބުމަށް ފަހު އެބޭފުޅުން ދިޔައީ މިނިސްޓަރު ބައްދަލު ނުކުރެއްވުމުންނެވެ. މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެބޭފުޅުން މިނިސްޓަރާ ބައްދަލު ކުރަން ބޭނުންވީ ފްލެޓު ދިން އިރު މައުލޫމާތު އާންމު ނުކުރި ސަބަބާއި ފްލެޓު ދިނުމުގައި ބަލާފައިވާ މިންގަނޑު އޮޅުންފިލުވުމަށެވެ.
ފްލެޓު ލިބޭ މީހުން ކަމަށް ބުނެ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ 661 މީހެއްގެ ފޯމު ނަމްބަރު އާންމު ކޮށްފައި އެވެ. އާންމުކޮށް ފްލެޓް ލިބޭ މީހުންގެ ނަމާއި ވަނަވަރު އިއުލާނު ކުރާއިރު މިފަހަރު ހަމައެކަނި ފޯމް ނަމްބަރު އާންމު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒު ވަމުންނެވެ.
އެކަމަކު ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އެއީ ފްލެޓް ލިބޭ މީހާގެ މައުލޫމާތު ސިއްރު ކުރުމަށް ކުރި ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް