އަހަންނަކީ ރޮހިންޖާގެ ޚާތޫން: އެމީހުން އަހަރެންގެ ފިރިމީހާ މަރައިލީ އަހަރެން ޖަންގަލީގައި ފިލާ އޮއްވާ

މިޔަންމާ ސަރުކާރުން އެގައުމުގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މަރަމުން އަންނައިރު މިދިޔަ އޯގަސްޓް މަހުގެ 25 އިން ފެށިގެން މިހާތަނަށް ހަމަ ކޮންމެ ދުވަހަކުމެ އެތައް...

17 Sep 2017 | 09:09

މިޔަންމާ ސަރުކާރުން އެގައުމުގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މަރަމުން އަންނައިރު މިދިޔަ އޯގަސްޓް މަހުގެ 25 އިން ފެށިގެން މިހާތަނަށް ހަމަ ކޮންމެ ދުވަހަކުމެ އެތައް ހާސް މުސްލިމުންނެއް އަންނަނީ ފުރާނަ ސަލާމަތް ކުރުމަށް އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކުރަމުންނެވެ.

އެމީހުންގެ އެ ހިތްދަތި ދަތުރުގައި، އެމީހުންގެ ގެދޮރު ދޫކޮށްލަން ޖެހުނު ޖެހުމުގައި އެތައް ހިތްދަތި ހާދިސާތަކެއް ވަނީ ދިމާވެފަ އެވެ. މިއީވެސް އެފަދަ ހާދިސާ އެކެވެ. މިއީ ރޮހިންޖާގެ ނާސިމާ ޚާތޫން އަށް ދިމާވި ހިތްދަތި ހާދިސާ އެވެ. މި ހާދިސާ ޚާތޫން ކިޔާދީފައިވަނީ އަލްޖަޒީރާ އަށެވެ.

----------------------------------

އަހަރެންގެ ނަމަކީ ނަސީމާ ޚާތޫން އެވެ. އަހަރެންގެ އުމުރަކީ 60 އަހަރެވެ. ފިރިމީހާ އަކީ މަސްވެރިއެކެވެ. އަހަރެމެން ދެމަފިރީންގެ އަންހެން ތިން ދަރިން އެބަތިއްބެވެ. އަހަރެމެން ދިރިއުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ.

އަސްކަރިއްޔާއިން އަހަރެމެންގެ އަވަށް އަރާ ބަދި ޖަހަން ފެށުމުން އަހަރެމެން އެކި މީހުން ދުވެ ފިލީ އެކި ދިމާއަށެވެ. އަހަރެންގެ ފިރިމީހާގެ ގަޔަށް ބަޑިޖަހާ އެމީހުން މަރާލި ކަން އަހަންނަށް އެނގުނީ ވަލު ތެރޭގައި އަހަރެން ފިލާ އޮއްވަ އެވެ. އެކަން އެނގުނީ އެހެން މީހެއްގެ ފަރާތުންނެވެ. އަހަރެންގެ ވަރަށް ބިރުގަތެވެ. ގޮތް ހުސްވި އެވެ.

އަސްކަރިއްޔާއިން އަހަރެމެންގެ އަވަށަށް ވެރިވެގަތެވެ. އަވަށް ދޫކޮށް ދިއުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ. ފިރިމީހާ ކޮބައިތޯ ބަލަން ދާންވެސް އަހަރެމެންނަކަށް ފުރުސަތެއް ނުލިބުނެވެ.

އަހަރެން ދަތުރު ކުރީ ވަލުތެރެއިންނެވެ. ތިން ދަރީންނާއިވެސް އެކުގަ އެވެ. އަހަރެމެން އަވަށުން އެކަންޏެއްވެސް ނުގެންނަމު އެވެ. އައި މަގުމަތީގައި އަހަރެމެން ކެއީ އަތު ޖެހުނުހާ އެއްޗެކެވެ. ދަތުރު ކުރަމުން ދިޔައިރު ލޫޓުވާލާފައި ހުރި ފިހާރަގަނޑެއް ފެނުމުން އެ ފިހާރައިން ބައެއް ތަކެތި އަހަރެމެން ކެއީމެވެ. އަހަރެމެންތިބީ އިންތިހާއަށް ބަނޑުހައި ވެފަ އެވެ. އަހަރެމެންނަށް ބަންގްލަދޭޝް އަށް އާދެވުނީ 10 ދުވަހުގެ ދަތުރަކަށް ފަހުގަ އެވެ.

އައްސޭރި ފަށަށް ދިއުމުން އަހަރެން ހުއްޓުމެއް ނެތި ރުއީމެވެ. ބަންގްލަދޭޝް އަށް ދިއުމަށް ދޯންޏަށް ފައިސާ ދައްކައިދިނީ އަވަށުގެ މީހުންނެވެ. އަހަރެންގެ ރުއިން ފެނިފައި އެމީހުންނަށްވެސް ކެތް ނުވީ އެވެ. އަހަރެންގެ ހުރިހާ އެއްޗެއް ވަނީ ގެއްލިފަ އެވެ. ފިރިމީހާ އާއި މުދަލާއި ގެދޮރެވެ.

މިތާނގައި އަހަރެމެން އަމިއްލައަށް ޖިފުޓިގަނޑެއް މިވަނީ އަޅާފަ އެވެ. ބަންގްލަދޭޝް ރައްޔިތުން އަހަރެމެންނަށް އެހީތެރިވާތީ ޝުކުރު އަދާކުރަމެވެ. އެހެނަސް މިތާނގައި އާމްދަނީއެއް ހޯދާނެ ގޮތެއް އަހަރެމެންނަކަށް ނެތެވެ. އަހަރެމެންގެ މުސްތަގްބަލެއް ނެތެވެ.

މިތާނގައި ތިބި އަހަރެމެންގެ އަވަށުގެ ގިނަ މީހުން އެނބުރި އަވަށަށް ދާން ބޭނުންވެ އެވެ. އެހެނަސް އެއީ ވާނޭ ކަމެއް ކަމަށް އަހަރެން ނުދެކެމެވެ. އަނބުރާ ދިއުން ރައްކާތެރިއެއްވެސް ނުވާނެ އެވެ.

މުޅި ދުނިޔ އަހަރެމެންގެ ހާލަތު ބަލަމުން އަންނަ ކަމުގައި އަހަރެން އުންމީދު ކުރަމެވެ. އަހަރެންގެ އާދޭހަކީ އަހަރެމެންނާމެދު ހަމްދަރުދީ ވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް