ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ޖަރީމާތައް ބްރޯޑްކާސްޓު ކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ބްރޯޑް ކޮމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުންނަށް ލިބެމުންދާ އަނިޔާތަގެ މަންޒަރުތައް ކަނޑައެޅިފައިވާ މިންގަނޑުތަކާއި ހިލާފަށް ބައެއް ފަރާތްތަކުން ބްރޯޑްކާސްޓު ކުރަމުންދާ ކަމަށެވެ. ބްރޯޑްކޮމްއިން ބުނީ އެފަދަ މަންޒަރުތައް ދައްކާއިރު ގުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން އަމަލު ކުރުމަށް އެދޭ ކަމަށެވެ.
މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންގެ ކޮންޓެންޓް އެއިމީހުންގެ އިންސާނީ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމަށް ބްރޯޑްކޮމްއިން އިލްތިމާސްކޮށްފަ ވެއެވެ. އަދި ހިތާމަވެރި ހާދިސާތަކުގައި މަރުވާ މީހުންނާއި ގެއްލިފައިވާ މީހުންނާއި އަނިޔާވެ އަދި ޒަޚަމުވާ މީހުންގެ ނަން ނުވަތަ އެއީ ކާކުކަން އެނގޭނެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން އެފަދަ މަންޒަރުތައް ދައްކާއިރު ބެލުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށްޓަކައި އެކަން އަންގައިދޭ މެސެޖެއް މިފަދަ ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް