ރޮހިންޖާގެ މުސްލިމުން ނެތި ކޮށްލުމަށް އޯގަސްޓް މަހުގެ 25 އިން ފެށިގެން މިޔަންމާގެ ސަރުކާރުން އަންނަނީ ކެނޑިނޭޅި ގަތުލުއާއްމު ހިންގަމުންނެވެ. އދ އާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުން ގޮވާލާ ގޮވާލުންތަކަށް މިޔަންމާއިން އަންނަނީ ބީރު ކަންފަތެއް ދެމުންނެވެ. އެމީހުން ބުނާގޮތުގައި އެމީހުން ވަމުން އެ އަންނަނީ ގައުމީ ގުރުބާނީ އެކެވެ.
މި ހިތްދަތި ހާލަތުގައި މިޔަންމާ ދޫކޮށް ކޮންމެ ދުވަހަކު އެތައް ހާސް މުސްލިމުންނެއް އެ އަންނަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކުރަމުންނެވެ. ހިޖުރަ ކުރި މީހުންގެ އަދަދު މިހާރު ހަތަރު ލައްކައަށް އަރާފައިވާކަމަށް އދ އިން ވަނީ ބުނެފަ އެވެ.
މިއީ ކެތް ނުކުރެވިގެން، ފުރާނަ ސަލާމަތް ކުރުމަށް ބަންގްލަދޭޝް އަށް ހިޖުރަކުރި ޒުވާނެއް ކަމުގައިވާ މުހައްމަދު އާސަންގެ ވާހަކަ އެވެ. އާސަން މިވާހަކަތައް ކިޔާދީފައިވަނީ އަލްޖަޒީރާ އަށެވެ. އާސަންގެ އުމުރަކީ 24 އަހަރެވެ.
-----------------
އަހަރެން ކިޔަވަމުންދިޔައީ ރަކީން ސްޓޭޓްގައި ހުންނަ ހައި ސްކޫލެއްގަ އެވެ. ކިޔަވަމުންދިޔައީ ބަރުމީސް އާއި އިނގިރޭސި މާއްދާ އެވެ. އަހަރެން އިނގިރޭސި ކިޔެވީ، ރޮހިންޖާ މުސްލިމުންގެ ހާލަތު ދުނިޔެއަށް އަންގައިދޭން ބޭނުންވާތީ އެވެ. އަހަރެން އައީ ފިހާރައެއްވެސް ހިންގަމުންނެވެ. އެހެނަސް ކުރީންވެސް އަހަރެން އުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެއް ނޫނެވެ.
އަހަރެމެންނަށް އެއްވެސް މިނިވަންކަމެއް ނޯވެ އެވެ. އެހެން ގައުމަކުން މުދާ ގެނައުން އަހަރެމެންނަށް މަނަލެވެ. ދިރިއުޅުން އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.
އަހަރެމެންގެ އަވަށަށް ސިފައިން އަރާ ބަޑި ޖަހަން ފެށުމުން އަހަރެންގެ އަވަށްޓެރިއަކު ވަޅި ހިފައިގެން ނިކުމެ އެމީހުންނަށް ހަމަލާދޭން އުޅުނެވެ. އެހެންނަމަވެސް އޭނާގެ ގަޔަށް ބަޑިޖަހައި އެމީހުން އޭނާ މަރައިލި އެވެ. އަހަރެން ބަންގްލަދޭޝް އަށް އައީ ފުރާނަ ސަލާމަތް ކުރަން ބޭނުން ވާތީ އެވެ.
އަހަރެން މިއައީ އެތައް މުދަލެއް ދޫކޮށްފަ އެވެ. އެއީ އަހަރެންގެ އަމިއްލަ މުދަލެވެ. މިތަނަށް ގެނެވުނުހާވެސް އެއްޗަކީ ބައު މުންޑެކެވެ. އަހަރެމެންގެ އަވަށުގައި ތާށިވެފައިތިބި މުސްލިމުންގެ ހާލާއިމެދު އަހަރެން އިންތިހާއަށް ކަންބޮޑުވަމެވެ.
ބަންގްލަދޭޝްގައި މިހުރީކީ އުފަލަކުން ނޫނެވެ. ނިދަން ޖެހެނީ މަގުމަތީގަ އެވެ. ޗަސް ބިންތަކުގަ އެވެ. އެކަށިގގެންވާ އެހީތެރިކަމެއް އަހަރެމެންނަކަށް ނުލިބެ އެވެ. އެތައް ލައްކަ ބަޔަކު މިތިބީ މިތާނގައި ހާލުގައި ޖެހިފަ އެވެ. ބަންގްލަދޭޝް ރައްޔިތުން އެހީތެރިވަމުންދެ އެވެ. ނަމަވެސް އެ އެހީއަކީ މިހާ ގިނަ ބަޔަކަށް އެކަށޭނެ އެހީއަކަށް ނުވެ އެވެ.
މިޔަންމާ ސަރުކާރަށް ދުނިޔޭގެ ގައުމުތަކުން ޕްރެޝަރު ކުރަން ޖެހެ އެވެ. އަހަރެމެން އަހަރެމެންގެ ގައުމަށް އަނބުރާ ދެވޭނެ ފަދަ މާހައުލެއް ހޯދައިދޭން ޖެހެ އެވެ. ބަންގްލަދޭޝްއަކީ އަހަރެމެންގެ ގައުމެއް ނޫނެވެ. ބަންގްލަދޭޝް ރައްޔިތުންވެސް އެކަން އަހަރެމެންނަށް ހަނދާން ކޮށްދެ އެވެ.
މުޅި ދުނިޔެއަށް އަހަރެން ދޭން ބޭނުންވާ މެސެޖެއް އެބަ އޮތެވެ. އަހަރެމެންގެ ހައްގު ހޯދުމުގައި އެހީތެރިވެދޭށެވެ. ހަމަޖެހިގެން އުޅުނަ ދޭށެވެ. ބުދިސްޓުން ބުދު ދީނަށް އުޅޭހެން އަހަރެމެން އަހަރެމެންގެ ދީނުގައި ތިބިޔަ ދޭށެވެ. އަހަރެމެންނަކީވެސް އިންސާނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް