ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔަރުން މާލޭގައި މަސައްކަތް ކުރަން ފައްޓަވައިފި

ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ތިން ފަނޑިޔާރުން މިއަދުން ފެށިގެން މާލޭގައި މަސައްކަތް ކުރަން ފައްޓަވައިފި އެވެ. އެ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި، ފަނޑިޔާރު ...

17 Sep 2017 | 08:03

ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ތިން ފަނޑިޔާރުން މިއަދުން ފެށިގެން މާލޭގައި މަސައްކަތް ކުރަން ފައްޓަވައިފި އެވެ.

އެ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާގެ އިތުރުން ޝުޖާއު އުސްމާން އެވެ. އެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރަން ފެއްޓެވީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުރި އަމުރަކާއި ގުޅިގެންނެވެ.

އެ އަމުރުގައި ބުނެފައިވަނީ ހައިކޯޓޫގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން އެ ގޮފީގެ މަސައްކަތްތަކަށް ބުރޫ ނާރާނެހެން މާލޭގައި މަސައްކަތް ކުރަން އަންގާ ކަމަށެވެ. މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކުރީ ހައި ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ ގިނަ އަދަދެއްގެ މައްސަލަތައް ހުރުމުން ކަމަށް އަމުރުގައި ފާހަގަކޮށްފައިވެ އެވެ. ސުޕްރީމް ކޯޓުގައި އަމުރުގައި ބުނެފައިވާގޮތުން ހައި ކޯޓުގައި 500 އަށްވުރެ ގިނަ މައްސަލަ ނުނިމި އެބަހުއްޓެވެ.

އެ މައްސަލަތައް ނިންމަން މިއަހަރުގެ ނިޔަލަށް މުއްދަތެއް ދީފައިވެ އެވެ.

ދެކުނު ގޮފީގެ ފަނޑިޔާރުން ހައި ކޯޓުގައި މަސައްކަތް ކުރަން ފައްޓަވާފައިވާއިރު މިއަދަށް ތާވަލް ކޮށްފައިވާ ބައެއް ޝަރީއަތްތަކުގައިވެސް އެ ފަނޑިޔާރުން ހިމެނިވަޑައިގެންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް