ރިލްވާން ގެއްލުވާލި މައްސަލައިގަ ތިން މީހަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލުވާނު ގެއްލުވާލި މައްސަލައިގަ ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ދައުވާ އުފުލާފައި ވ...

17 Sep 2017 | 06:27

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލުވާނު ގެއްލުވާލި މައްސަލައިގަ ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ދައުވާ އުފުލާފައި ވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މީހަކު ގަދަކަމުން ފޮރުވުމުގެ ދައުވާ އެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

މި މީހުން ވަނީ މީގެ ކުރިން ރިލްވާން ގެއްލުވާލި މައްސަލައިގަ ހައްޔަރުކޮށްފައި އެވެ. އެކަމަކު އެމީހުން ފަހުން ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު އަށް ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލައިގަ މިހާތަނަށް ޔަގީން ޖަވާބެއް ލިބިފައި ނުވާއިރު މީގެ އަހަރެއްހާ ދުވަސް ކުރިން ފުލުހުން ބުނެފައިވަނީ އެރޭ ބަޔަކު އޭނާއަށް ފާރަލާފައިވާ ކަމަށެވެ.

އަދި މި މައްސަލައިގަ ދައުވާ އުފުލި އަލީފްގެ ކާރަށް ހުޅުމާލޭގައި ގަދަކަމުން މީހަކު އަރުވާތަނާއި ހަޅޭއްލަވާ އަޑު އިވުނު ކަމަށް އެ ސަރަހައްދުން ބައެއް މީހުން ފުލުހުންނަށް ބަޔާން ދީފައިވެ އެވެ.

ރިލުވާން ގެއްލުވައިލިތާ ތިން އަހަރުވީ އިރު ވެސް އޭނާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އާއިލާ އިން ބުނެ އެވެ. އަދި އޭނާ ގެއްލުވައިލުމުގެ އަޑީގައި ތިބީ ސިޔާސީ ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް