ޒުވާންކަމާއި ހަމަހިމޭންކަމަކީ ދުވަހަކުވެސް އެކުވެގެން އަންނާނެ ދެކަމެއް ނޫނެވެ. ޒުވާންކަމުގެ ޖޯޝާއި ފޯރީގައި ހަމަހިމޭންކަމުން ނާޖާއިޒު ފައިދާ ހޯދަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް ޒުވާނުންބާއެވެ. ނަމަވެސް ޒުވާންކަމަކީ އިންސާނަކަށް އޭނާގެ ހަޔާތުގައި މާތްﷲ ދެއްވާފައިވާ އެންމެ އަގުބޮޑު ހަދިޔާ ކަމުގައިވެސް ދެކޭ މަދު ޒުވާނުން ކޮޅެއް ތިބިކަމީ އުފާކުރުން ޙައްޤުކަމެކެވެ.
ޒީޝާނާއި ޝާހިލްވެސް ހަމަހިމޭން ކަމުގައި ސިޓިންރޫމުގެ ސޯފާއެއްގައި ވަގުތުތައް ގުނަމުން ދެއެވެ. އެކަކު އިނީ އަނެކަކާއި އިސްވެ އަނގައިން ބުނަށް ނުކެރިފައި ކަހަލައެވެ. އެންމެ ފަހުން ޝާހިލް އެއްޗެށް ބުނަށް އަނގަ ހުޅުވާލިއެވެ. އެވަގުތުވީ ޒީޝާނަށް ވެސް ނީދެވިގެން އެއްޗެށް ބުނަށް އަނގަ ހުޅުވާލެވުނު ވަގުތަށްށެވެ. ވުމާއެކު ދެމީހުން ގާތަށްވެސް އައީ ހިއްޏެވެ.
''ޒީ. ކީކޭ ބުނަށް ތިއުޅެނީ.'' ޝާހިލް އަހާލިއެވެ. ''އަހަރެން ބުނަށް އުޅުނީ ވަރަށް ނިދިއަންނަ ވާހަކަ. ދެން ބުނެބަލަ. ޝާހިލް ބުނަށް އުޅުނީ ކީކޭ؟'' ޒީޝާން ޝާހިލަށް ބަލާލަމުން އަހާލިއެވެ. ''އަހަރެން ބުނަށް އުޅުނީ އަހަންނަށް........ ޒީ ދެކެ ލޯބި ވެވިއްޖޭ.''
''ކީކޭ؟ ލޯތްބޭ. ޝާހިލް. ތިކަހަލަ ސަމާސާއެއް ކުރަން ޝާހިލަށް އަހަރެން ނޫން މީހެއް އައްޑޫންވެސް ނުފެނުނީތަ؟'' ޒީޝާން ފަޑުއަލީގެ ތެރެއިން ޝާހިލްގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ޒީ. މީ ސަމާސާއެއް ނޫނޭ. މީހަޤީޤަތް. އަހަރެން ޒީ ގާތު މިވާހަކަ ބުނަށް އުޅޭތާ ވަރަށް ގިނަދުވަސް ވެއްޖެ. އެކަމަކު ޒީ ދޭނެ ޖަވާބެއް ނޭނގޭތީ ބުނަށް ނުކެރުނީ. އެހެނަސް މަގޭ ނުކިޔަމަންތެރި ހިތް އެދޭވަރުން ބުނަށް މަޖުބޫރުވީ.'' ޝާހިލް އޭނާގެ ހިތުގެ ހާލު ޒީޝާނަށް ފޮރުވުމެއް ނެތި ކިޔައިދިނެވެ.
ޝާހިލް ކެރިގެން އޭނާގެ ހިތްއެދޭގޮތް ހާމަކުރީތީ ޒީޝާނު އިނީ ބުނާނެ އެއްޗެށް ނޭނގިފައެވެ. ''ޒީ. ނޫނެކޭ ނުބުނާތި. އަހަރެން ހަޤީޤަތުގަ ވެސް ޒީ ދެކެ ވަރަށް ލޯބިވޭ.'' ޝާހިލަށް ބޭއިޚްތިޔާރުގައި ޒީޝާންގެ އަތުގައި ހިފާލެވުނެވެ. ''އެކަމަކު ޝާހިލް ކަހަލަ މީހަކު ލޯބިވަން އަހަރެން ދެން މީކާކު؟'' ޒީޝާން ވާހަކަ ދެއްކީ އިސްދަށަށް ޖަހާލައިގެން އިނދެއެވެ.
''އަހަރެން ވީމަ ވަކި ކަހަލަ މީހަކު ދެކެތަ ލޯބިވާން ޖެހޭނީ .'' ޝާހިލް އަހާލިއެވެ. ''ހަޤީޤަތުގައި އަދި ޝާހިލަށް އަހަންނަކީ ކާކުކަމެއް ރަނގަޅަކަށް ނުވެސް އެނގޭނެ. މީހަކު ދެކެލޯބިވާން ޖެހޭނީ އެމީހަކީ
ކާކުކަމާއި އެއީ ތިމާ އާއި އަރާ އަރަފޯދިގެންވާ މީހެއްތޯ ރަނގަޅަށް ބެލުމަށް ފަހު.'' ޒީޝާން އިނީ ޝާހިލް ކަހަލަ ކިޔަވައިގެން ހުރި ޒުވާނަކު އޭނާ ކަހަލަ ޔަތީމު އަންހެންކުއްޖެއް ދެކެލޯބިވީތީ ހައިރާންވެފައެވެ.
''އަހަންނަށް ހެޔޮ ޒީއަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް. އަހަރެން ދެކޭގޮތުގަ ޒީއަކީ ވަރަށް އަޚްލާޤު ރަނގަޅު ހިތްނިޔަތް ރަނގަޅު ކުއްޖެއް. އަހަރެން ބޭނުންވާ ހުރިހާ ސިފައެއް ޒީގެ ކިބައިގަ އެބަހުރި. އަހަރެން ބޭނުންވަނީ އަހަރެން ދެކެ ލޯބިވާނެ ކުއްޖެއް. އަހަރެން ކުރާ މަސައްކަތަށް ސަޕޯޓުކުރާނެ ބައިވެރިއެއް. އަހަރެން ދެކޭގޮތުގައި އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރަން ޖެހޭނީ ޚުދު އަހަރެން. އެއީ އެހެން ބައެއް ކުރަންޖެހޭނެ ކަމެއް ނޫން.'' ޝާހިލް ވާހަކަ ދައްކަމުން ދިޔައީ ވަރަށް އަސަރާއި އެކުގައެވެ.
''އަހަރެން ނުބުނަމެއްނު ތީ ދޮގެކޭ. އެކަމަކު..............................''
''ޒީ. ޕުލީޒް. ނޫނެކޭ ނުބުނާތި.'' ޝާހިލް އާދޭހާއި އެކު ބުއްޏެވެ. ''އެކަމަކު އަހަރެން ބޭނުން ތިކަމާ ވިސްނާލަން.'' ޒީޝާން ޝާހިލްގެ އަތުތެރޭގައި އޮތް އޭނާގެ އަތްދަމައިގަންނަމުން ބުއްޏެވެ. ''ކިހާދުވަހެއް އަޅެ ތިކަމުގަ ނަގާނެ.'' ޝާހިލްގެ ހިތްއެދެނީ ހަމަ މިހާރުވެސް ޒީޝާންގެ ޖަވާބަކަށް ކަހަލައެވެ.
''ބޮޑެތި ކަންތައްތަކާއި މެދު ވާނެ ވަރަށް ވިސްނަށް. އެހެންނޫނީ ފަހަރުގަ ދެރައެއްވެސް ލިބުން އެކަށީގެންވޭ.''ޒީޝާން ބުނެލިއެވެ. ''އަހަރެން ވެސް އެއްބަސް ތިކަމާ. އެކަމަކު ދެދުވަސް ތެރޭ ވާނެ ޖަވާބެއް ދޭން.'' ޝާހިލްގެ އަޑުގައި މަސްތީގޮތެއް އެކުލެވިގެން ވެއެވެ. ''ބަލާނަން އޭގެކުރިންވެސް ޖަވާބެއް ދެވޭތޯ؟ ދެން ހިނގާ ނިދަން ދަމާ.މިހާރު އެއޮއް ތިނެއް ޖަހަނީ.'' ޒީޝާން ތެދުވެގެން ހިނގައި ގަތެވެ. ޝާހިލްވެސް ކޯޓުނަގާ އަތުގައި އަޅުވާލަމުން ހިނގައިގަތެވެ.
އެތައް ދަމަކަށް އިރުއެރިއިރުވެސް މިއަދު ޒީޝާނެއް ނުތެދުވެއެވެ. އެދުވަހުގެ ދުވާލު ހަތަރު ދަމު ބުރަމަސައްކަތުގައި އުޅުނު ނަމަވެސް ރޭގަނޑު އޭނާގާތަކަށް ނިއްޖެއް ނައެވެ. އެރޭގެ ހަތަރުދަން އޭނާ ވޭތުކޮށްލީ ނިދުމެއްވެތި ވިސްނުމުގައެވެ. ޝާހިލަށް ދޭނެ ޖަވާބަކާއި މެދު ވިސްނާ ވިސްނާ އޭނާގެ ސިނކުޑި މިހާރު ސުމަކަށް ދާން ކައިރިވަނީއެވެ. ނަމަވެސް އަދިވެސް އޭނާއަށް ޝާހިލަށް ދޭނެ ޖަވާބަކާއި މެދު ގޮތެއް ނުނިއްމެއެވެ. އޭނާގެ ހިތްވެސް ޝާހިލަށް ނުލާހިކު އެދެއެވެ. ނަމަވެސް އޭނާއަށް އޭނާއަކީ ކިހާ ފެންވަރެއްގެ މީހެއްކަން ވިސްނުމުން އެކަމާއި ދެރަ އެބޮޑު ދެލޮލުން ކަރުނު ހިލެއެވެ.
ހެނދުނު ސައިގެ ވަގުތުގައި ޔޫހާ ގޮވަން އައިމާވެސް ކުރީދުވަހުގެ ވަރުބަލިކަން ނުފިލަނީ ކަމަށް ބުނެ މުޅިގައިގާ ރަޖާގަނޑު އަޅާލުމަށް ފަހު ޔޫހާ ފޮނުވާލާފައި އޭނާ އެނދުގައި އޮތީއެވެ. ޒީޝާން ސައިބޯން ނައުމުން ޝާހިދާ ވަރަށް ކަންބޮޑުވިއެވެ. ވުމާއެކު އޭނާއަށްވީ ކީއްތޯ ބަލާލުމަށް އަވަސް އަވަހަށް އޭނާ އެކޮޓަރިއަށް ދިޔައެވެ.
''ޒީ. އަނެއްކާ ކިހިނެއްވީ. ބަލީތަ؟'' ޝާހިދާ ލޯތްބާއި އެކު އަހާލިއެވެ. ''ނޫން. ދައްތާ. ހަމަ އޮތީ.'' ޒީޝާން އަވަސް އަވަހަށް ބުއްޏެވެ. ''ޒީއަކީ މީގެ ކުރިން ހަމަ ތިހެން އޮންނަ ކުއްޖެއް ނޫނޭ. ނާބުނެބަލަ. ކިހިނެއް ވީތަ؟'' ޝާހިދާ އަހާލިއެވެ. ''ޝާހިދައްތާ. ހަމަ އެއްކަމެއް ވެސް ނުވެއޭ. މާބޮޑަށް ވަރުބަލިވާތީ ހަމަ އޮތީ. އިރުކޮޅަކުން ދާނަށް ސައިބޯން.'' ޒީޝާން ބޭނުންވީ ޝާހިދާ އެތަނުން ފޮނުވާލާށެވެ. ''އެންމެ ރަނގަޅު. އެކަމަކު މާލަސް ނުކުރާތި. އެހެން ނޫނީ އަނެއްކާވެސް ޔޫހާ ފޮނުވަން ޖެހިދާނެ.'' ޝާހިދާ ހިނިތުން ވެލާފައި ހިނގައިގަތެވެ. އެންމެ ފަހުން ޒީޝާނަށް މަޖުބޫރުވީ ތެދުވާށެވެ. އޭނާ ތެދުވެގެން ގޮސްވަނީ ފާޚާނާއަށެވެ.
ނަވީލް އިނީ ސިޓިންރޫމުގައެވެ. ކުރިމަތީގައި ހުރި ކުޑަމޭޒުމަތީގައި ދެބައިކުޅައެއް ބަޔަށް ބޮއިފައިވާ ކޮފީތައްޓެއް ހުއްޓެވެ. އޭނާއާއި ދާދި ގާތުގައި ޔޫހާއިނެވެ. ޔޫހާ އިނީ ޓީވީން ދައްކަމުންދާ ކާޓޫނަށް ގެއްލި ހުސްވެފައެވެ. އެވަގުތު ބޭރުން ގެއަށް އައިސްވަނީ ޝާހިލެވެ. ޝާހިލް އެއައީ ކޮންމެވެސް ކަމެއްގައި ބޭރަށް ގޮސްފައިކަން އޭނާގެ އަތުގައި އޮތް ކޮތަޅުން ދޭހަކޮށްދެއެވެ.
''ދޮންބޭ. ކޮބާ ޔޫހާއަށް ގެނައި ޗޮކުލެޓު.'' ޔޫހާއަށް ޝާހިލް ފެނުމާއެކު ޝާހިލާއި ދިމާއަށް ދުއްވައިގަތެވެ. ''ވަރަށް ދެރަ. ދޮންބެ ދިޔަ ފިހާރައިގަ ޗޮކުލެޓެއް ނެތޭ.'' ޝާހިލް ދެރަވާގޮތް ދައްކާލަމުން ބުއްޏެވެ. '' ދޮންބެ ބުނުއްވީމެއްނު ޔޫހާއަށް ޗޮކުލެޓެއް ގެނެސް ދޭނަމޭ. އެކަމަކު ނުގެނެސް ދެއްވީމެއްނު. ދޮންބެ އާއި ރުޅި.'' ޔޫހާ މޫނު ކުނިކޮށްގެން ގޮސް ސޯފާގައި އިށީއްނެވެ.
''ދޮންބެގެ ލޯބިގަނޑާ. ހަމަ އެހާ ރުޅިއައިސްފަތަ ތީނީ ދޮންބެ ދެކެ. މިކޮޅު ބަލާލަބަލަ. މިއޮތީ ކޯއްޗެއްތަ އަޅެ.'' ޝާހިލް ކޮތަޅުން ޗޮކުލެޓު ނަގައިގެން ގޮސް ޔޫހާގެ ގާތަށް ހުއްޓެމުން ލޯތްބާއި އެކު ގޮވާލިއެވެ. ޔޫހާ މަޑުމަޑުން ޝާހިލަށް ބަލާލިއެވެ. އެވަގުތު ޝާހިލް އަތުގައި އޮތް ޗޮކުލެޓު ފެނުމުން ޔޫހާގެ މޫނު
މައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ''ތޭންކްސް ދޮންބޭ.'' ޔޫހާ ޝާހިލްގެ ގައިގާ ބައްދާލަމުން ބުއްޏެވެ.
''ޔޫހާއްކޮއަށް ދެންޏާ އަޅުގަނޑަށް ވެސް ދޭން ޖެހޭނެ. އަޅުގަނޑަކީވެސް ދޮންބެގެ ކޮއްކޮއެއްނު.'' އައިނައި ދިމާއެއް ނޭނގީ އެތަނަށް އައިސް ހުއްޓުނު ނޫރާ ބުއްޏެވެ. ''ތީ ބޮޑުކޮއްކޮއެއްނު ދޯ ދޮންބޭ.'' ޔޫހާ ނޫރާ އާއި ދިމާއަށް ވައްތަރު ޖައްސާލަމުން ބުއްޏެވެ. ''އާނ. ނޫރާ ދައްތަ އެއީ މިހާރު ބޮޑުކުއްޖެކޭ ދޯ. މީއެއްނު ދޮންބެގެ ލޯބިލޯބި ކޮއްކޮދޯ.'' ޝާހިލް ލޯތްބާއެކު ޔޫހާގެ ބޮލުގައި ފިރުމާލާފައި ހިނގައިގަތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިން ނަވީލެވެ.
''ތުއްތުވެސް އެބައިނިންދޯ. ހިނގާބަލަ ދޮންބެއާއި އެކު ދުއްވާލަން ދާން.'' ޝާހިލް ނަވީލަށް ބަލާލަމުން ބުއްޏެވެ. ''ދާހިތެއް ނެތް.'' ނަވީލް ފަރުވާ ކުޑަރާގަކަށް ބުއްޏެވެ. ''އެއީ ކީއްވެތަ؟'' ޝާހިލް ސުވާލުކޮށްލިއެވެ. ''އެސަބަބެއް ވެސް ހަމަ ދޮންބެ ބަލަން ޖެހޭތަ؟'' ނަވީލް ކުޑަކޮށް ރުޅިއަންނަގޮތްވިއެވެ. ''މީހަކު އެއްޗެކޭ ބުނާއިރަށް ހަމަ ތިހާ އަވަހަށް ރުޅިއަންނަށް ޖެހޭތަ؟'' ޝާހިލްވެސް ނަވީލްގެ ވާހަކަތައް ހުރިގޮތުން ކުޑަކޮށް ނުރުހޭގޮތްވިއެވެ. ''އަހަރެން ރުޅިއެއް ނާދެއޭ.'' ޝާހިލް ނުރުހޭގޮތް ވުމުން ނަވީލްގެ ރުޅިގަނޑަށް ވެސް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އައި ކަހަލައެވެ. ''އަހަރެން ވަރަށް ދެރަވޭ މީހަކު ހަމަ އެއްޗެކޭ ބުނާއިރަށް ތުއްތު ތިގޮތަށް ރުޅިއަންނާތީ.'' ޝާހިލް ހިނގައިގަތީ ކާގެއާއި ދިމާއަށެވެ. ނަވީލްވެސް އިތުރު އެއްޗެކޭ ނުބުނެއެވެ.
*********** ނުނިމޭ ********
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް