ވަޒީފާއިން ޗުއްޓީ ނެގުމަށްފަހު ރޮހިންޖާ މުސްލިމުންނަށް ފަރުވާދިނުމަށް ނިކުތް ޑރ. ހުސެއިންގެ ވާހަކަ

މިޔަންމާގައި ރޮހިންޖާ މުސްލިމުން މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ގޮސްފައިވާއިރު ބަންގްލަދޭޝް އާއި މިޔަންމާއާއި ދ...

17 Sep 2017 | 05:27

މިޔަންމާގައި ރޮހިންޖާ މުސްލިމުން މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ގޮސްފައިވާއިރު ބަންގްލަދޭޝް އާއި މިޔަންމާއާއި ދެމެދުގައި އޮން ނަފް ކޯރު ހުރަސް ކުރުމަށްފަހު ޗަކަ އާއި ފެނުގެ ތެރެއިން ބަންގްލަދޭޝް ބޯޑަރާއި ހަމައަށް ދެވެނީ ގާތްގަނޑަކަށް 11 ގަޑިއިރުންނެވެ. އެހާ ދިގު، ދަތި އުނދަގޫ ދަތުރެއް ކުރާއިރު އެކި ކަހަލަ އަނިޔާތަކާއި ޒަހަމްތައް ލިބޭ މުސްލިމުންގެ އަދަދު އިންތިހާއަށް ވަނީ ގިނަވެފަ އެވެ. ބައެއް މީހުންނަށް މިޔަންމާގެ އަސްކަރިއްޔާ އާއި ބުދިސްޓުންގެ ފަރާތުންވެސް އެކި ކަހަލަ އަނިޔާތައް ލިބިފައި ވެ އެވެ.

މިއީ އަނިޔާ ލިބިފައިވާ މިފަދަ އެތައް ބަޔަކަށް ހިދުމަތް ކުރުމަށްޓަކައި ވަޒީފާއިން ޗުއްޓީ ނެގުމަށްފަ މިކަމަށް ހުސްވެ މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. މުހައްމަދު ހުސެއިންގެ ވާހަކަ އެވެ.

------------------------------------------------------------------------------

"ފާއިތުވި ދެ ގަޑިއިރުގެ ތެރޭގައި ޑރ. ހުސެއިން، ރޮހިންޖާގެ 50 އަށްވުރެ ގިނަ މުސްލިމުންނަށް ހިދުމަތް ދީފި އެވެ. އަދިވެސް ކިޔުގައި އެތައް ބަޔަކު އެބަތިއްބެވެ. ފަރުވާ ދެމުން އަންނަނީ މިސްކިތެއްގެ ތެރޭގަ އެވެ." އަލްޖަޒީރާގައި ޑރ. ހުސެއިންއާއި ބެހޭގޮތުން ރިޕޯޓް ކޮށްފައި ވެ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް ފަރުވާ ދިނުމުގައި ޑރ. ހުސެއިން ހަރަކާތްތެރިވަމުން އަންނަނީ 32 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކާއި އެކުގަ އެވެ. އެ ޓީމުން ކޮންމެ ދުވަހަކުވެސް މެދުކެނޑުމެއްނެތި ކުރަމުން އަންނަނީ ރޮހިންޖާގެ މުސްލިމުންނަށް ފަރުވާ ދިނުމުގެ މަސައްކަތެވެ.

"އަހަރެން މިއައީ ހޮސްޕިޓަލުން ޗުއްޓީ ނަގައިގެން، މިތާނގައި ތިބި މީހުންނަކީ ކޮންމެހެންވެސް ސިއްހީ ހިދުމަތް ލިބެން ޖެހޭ މީހުން" އަލްޖަޒީރާއަށް އިންޓަވިއު ދެމުން ޑރ. ހުސެއިން ބުނެފައި ވެ އެވެ.

އދ އިން އެންމެ ފަހުން ހާމަކޮށްފައިވާގޮތުގައި އޯގަސްޓް 25 އިން ފެށިގެން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް ގޮސްފައި ވެ އެވެ. އެހާ ގިނަ އަދަދެއްގެ މީހުން ބަންގްލަދޭޝް އަށް ގޮސްފައިވާއިރު އެފަރާތްތަށް އެހީދިނުމުގައި އެތައް ދަތިތަކެއް ހުރިކަން އދ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް