މިޔަންމާ ސަރުކާރުން އެގައުމުގެ މައިނޯރިޓީ ކަމުގައިވާ މުސްލިމުން މަރަމުން އަންނައިރު، އަދި އެ މުސްލިމުން ފުރާނަ ސަލާމަތް ކުރުމަށް ބަންގްލަދޭޝް އަށް ޖަމާވަމުން އަންނައިރު އެ ފަރާތަތްކަށް ބަންގްލަދޭޝް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ނުދިއުމަށް ބަންގްލަދޭޝް ފުލުހުން އަންގައިފި އެވެ.
މިދިޔަ މަހުގެ 25 އިން ފެށިގެން މިހާތަނަށް ބަންގްލަދޭޝް އަށް ގޮސްފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ ހަތަރު ލައްކައަށް އިތުރުވެފަ އެވެ.
ބަންގްލަދޭޝް ފުލުހުން ނެރެފައިވާ އޯޑަރެއްގައި ބުނެފައިވަނީ ރޮހިންޖާ މުސްލިމުން ތިބެންވާނީ އެ މީހުންނަށް، ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ.
"އަނބުރާ ގައުމަށް ދެވެންދެން އެމީހުން ތިބެންވާނީ އެމީހުންނަށް ހާއްސަ ކޭމްޕްތަކުގައި" ފުލުހުންގެ އޯޑަރުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ ބަންގްލަދޭޝްގެ ގެތަކަށް ރެފިއުޖީން ގެންދިއުން އަދި ގެތައް ކުއްޔަށް ނެގުމާއި ދޫކުރުންވެސް މަނާކޮށްފައިވާނެ ކަމަށެވެ.
"އެމީހުންނަށް މަގުތަކުން، ރޭލު މަގުތަކުން އަދި ކަނޑުމަގުންވެސް އެހެން ސަރަހައްދަކަށް ނުދެވޭނެ، ބަސް އަދި ލޮރީ ދުއްވާ ފަރާތްތަކަށްވެސް އަންގާފައިވާނެ ރޮހިންޖާ މުސްލިމުން ނުއުފުލަން" ބަންގްލަދޭޝް ފުލުހުންގެ އޯޑަރުގައި ބުނެފައި ވެ އެވެ.
ބަންގްލަދޭޝް ފުލުހުން އިތުރަށް ބުނެފައިވަނީ އެ ސަރަހައްދުތަކުގެ ސެކިއުރިޓީ މިހާރު ވަރުގަދަ ކޮށްފައިވާނެ ކަމަށާއި މަގްސަދަކީ ރޮހިންޖާ މުސްލިމުން ގައުމުގެ ތެރެއަށް ފެތުރުން ހުއްޓުވުން ކަމަށެވެ.
ބަންގްލަދޭޝްގެ ގައުމީ ޓީވީން ހާމަކޮށްފައިވާގޮތުގައި ރޮހިންޖާ މުސްލިމް ރެފިއުޖީންނަށް އިތުރު ކޭމްޕްތައް އެޅުމުގެ ހުއްދަ ބަންގްލަދޭޝްގެ ސަރުކާރުން މިހާރު ވަނީ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް