ތާޖް ކޮރަލް ރީފް ރިސޯޓުން ފުރައިންގެ މާލެ ދަތުރުކުރި "ނޫމަސް" ނަމަކަށް ކިޔާ ދޯންޏެއް ވާދޫ އައިލެންޑް ރިސޯޓުގެ އިރު އުތުރު ފަރާތު ކަންމައްޗަށް އެރުމާއި ގުޅިގެން އެދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ސިފައިން ކުރަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު މިރޭ 19:30 ހާއިރު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއި ގުޅިގެން ކޯސްޓްގާޑް ޝިޕް ޣާޒީ ވަނީ އެސަރަހަށްދަށް ދިއުމަށް ފުރާފައި ކަމަށެވެ. އަދި ކޯސްޓްގާޑް ޝިޕް ޣާޒީ އެސަރަހަށްދަށް ދިޔައިރު ފަރަށް އަރާފައިވާ ދޯނި ބަނޑުފިލާ ފަޅައިގެން ދިއުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ދިޔަވެފައި ކަމަށާއި މިދޯނިން ދަތުރުކުރި ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި 45 ފޫޓްގެ މި ދޯންޏަކީ ތާޖް ކޮރަލް ރީފްގެ ސަޕްލައި ދޯންޏެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިދޯނި ފުންކުރުމަށްޓަކާ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް