ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް އީ ގައި ރޭ ރޯމާއިން ވޭތުވެދިޔަ ސީޒަންގެ ޗެމްޕިއަން ބަރސެލޯނާ ހިފަހައްޓާލައިފިއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ދެޓީމުންވެސް މެޗަށް ނިކުތްއިރު ލީގުގައި ބަލިވެފައެއް ނުވެއެވެ.
ބަރސާއިންވަނީ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ރޯމާ ކުޅެފައިވަނީ ކައުންޓަރ އެޓޭކިން ފުޓުބޯޅައެކެވެ. އެގޮތުން މި ސީޒަންގައި އަލަށް ރޯމާއަށް ބަދަލުވި މުޙައްމަދު ސަލާހް އަދި ޒެކޯގެ ކުޅުން ފާހަގަ ކުރެވުނެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ބަރސާގެ ފޯވަރޑް ލުއިސް ޝުއަރޭޒްގެ ގޯލާއެކު ބަރސާއިން މެޗުގެ ލީޑު ނެގިއެވެ. ޝުއަރޭޒްއަށް އެސިސްޓް ކޮށްދިނީ އީވާން ރަކަޓިޗެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ހާފްގެ މެދެކާއި ހިސާބުން ރޯމާގެ ޑިފެންޑަރ ފްލޮރެންޒީ ފޮނުވާލި ބޯޅަ މަތިމަތިން ގޮސް ގޯލްގެ ތެރެއަށް ވެއްޓުމާއެކު ސްޓޭޑިއަމް ސިހުނެވެ. ބަރސާގެ ކީޕަރ ޓަރ ސްޓާރގަން ގޯލް ދޫކޮށް ކުރިއަށް ޖެހުނު ވަގުތު ބަލާ ފްލޮރެންޒް ދުރުން ފޮނުވާލި ހަމަލާއާއެކު ނަތީޖާ ހަމަހަމަވެ ރޯމާ އިތުރު ހިއްވަރަކާއެކު ކުޅެން ފެށިއެވެ.
ފުރަތަމަ ހާފް ރޯމާއިން ވަރުގަދަކޮށް ނިންމާލި ނަމަވެސް ބަރސާއިންވަނީ ދެވަނަ ހާފް ފެށުމާއެކު މެޗު ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް ރޯމާގެ މެދުތެރެއަށް ކުޅެމުންދިޔަ ރޮސީ އަދި ނައެންގޯލަންގެ ވަރުގަދަ ކުޅުމާއެކު ބަރސާއަށްވަނީ މާގިނަ ހަމަލާތަކެއް އުފެއްދޭނެ ގޮތް ނުވެފައެވެ.
މި ގުރޫޕްގައި ދެން ކުޅުނު މެޗުގައި ބަޔާރން ލެވަކޫސަންއިން ބާޓޭ ބޮރިސޯވް ބަލިކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހަކާން ޗަލަންގްލީ ދެ ގޯލް ކާމިޔާބުކުރިއރު، އަނެއް ދެ ގޯލް ލެވަކޫސަންއަށް ކާމިޔާބުކޮށްދިނީ ހެނާންޑޭޒް އަދި މެހްމެދީއެވެ. ބޮރިސޯވްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މިލުނޮވިޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް