ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ސޯސަލް ނެޓްވޯކްތަކަކީ ވަރަށް މުހިންމުދައުރެއް އަދާ ކުރާއެއްޗެކެވެ. މިގޮތުން ފޭސްބުކްއަކީ ސިޔާސީ މަޝްރަހުގެ ހަނގުރާމައިގެ ވާޗުއަލް މައިދާނޭވެސް ބުނެވިދާނެއެވެ. އެއް ސިޔާސީ ފިކުރު އަނެއް ސިޔާސީ ފިކުރަށް ފާޑުކިޔާލާ އެއްކުލަ އަނެއްކުލައަށް އެއްޗެހިގޮވާލަން ފޭސްބުކްއަށްވުރެ ކަމުދާ އިތުރު މައިދާނެއް ދިވެހިންއަކަށް މިހާރު ނެތެވެ. ގޭގޭގެ ފެންޑާތައް ހުސްކޮށް މިހާރު ފެންނަ ސަބަބަކީވެސް މީކަމުގައި ވެދާނެއެވެ.
ސިޔާސީ ލީޑަރުން އެމީހުންގެ ކެންޕެއިންތައް ހިންގާލައި އެމީހުންގެ ޕްރޮޕަގަންޑާތައް ފަތުރަންވެސް މިހާރު ބޭނުންކުރަނީ ހަމަ ފޭސްބުކްއެވެ. އެމީހުންގެ ޕޭޖުތަކާއި އެޕޭޖް ތަކުން ކުރާ ޕޯސްޓުތައް ބޮޑު ހަރަދުކޮށްފައި "ސްޕޮންސަރ" ނުވަތަ އިސްތިހާރުކޮށްގެން ލައިކް ގިނަ ކޮށް ކަންތައް ކުރާނީވެސް ފޭސްބުކް މައިދާނުން ސިޔާސީ ގޮތުން މަންފާތަކެއް ލިބޭތީ ނޫންހެއްޔެވެ؟
ސިޔާސީ ލީޑަރުންއާއި ސިޔާސީ ޕާޓީތަކަށް އޮތް ތާއީދުވެސް މިހާރު އެންމެ ބޮޑަށް އޮޅުންފިލާނީ ހަމަ ފޭސްބުކުންނެވެ. މިގޮތުން އެ ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ލީޑަރެއްގެ ފޭސްބުކް ޕޭޖަށް އެންމެ ގިނަ ލައިކް ލިބިފައި އެތިބެނީ ސިޔާސީ މަޝްރަހުގައި އެންމެ މަގުބޫލު ނުވަތަ އެއްމެ މަޝްހޫރު ޕާޓީ ނުވަތަ ލީޑަރޭ ބުނުމުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ.
ސިޔާސީ ޕޭޖްތަކަށް ލައިކް ހޯދުމުގެ ރޭހެއްގައި ސިޔާސީ ވެރިން ތިއްބާ ފޭސްބުކް ގެ ފައުންޑަރ އަދި ސީއީއޯ އިއްޔެ ދިން ހަބަރަކީ ފޭސްބުކްއަށް "ޑިސްލައިކް ބަޓަން" އެއް އިތުރު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާވާހަކައެވެ. މި ޑިސްލައިކް ބަޓަން އަކީ ފޭސްބުކް ބޭނުން ކުރާ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން އިތުރު ކުރާ ބަޓަން އެއްކަމުގައެވެ. މިބުނިހެން ފޭސްބުކްއަށް ޑިސްލައިކް ބަޓަން އެއް އިތުރު ކޮށްފިނަމަ ސިޔާސީ ފަރާތްތަކުން ފޭސްބުކްގައި ޖަހަމުން އަންނަ ރޭހަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެއެވެ. އޭރުން ހުރިހާ އެންމެން ވެސް އުޅޭނީ ލިބޭ ޑިސްލައިކަށް ވުރެ ލައިކް ގިނަކުރާށެވެ. ނުވަތަ ޑިސްލައިކުން ރެކެވޭ ތޯއެވެ. އެރުން ސިޔާސީ ފިކުރަކުން ޕޯސްޓެއް ކޮށްލައިފިނަމަ ރައްދުގައި ޑިސްލައިކެއް ކޮށްލައިފިނަމަ އެ ފިކުރެއް ރައްޔިތުން އަށް ކަމު ނުދާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދާނެއެވެ.
ކޮންމެއަކަސް ފޭސްބުކްއަށް ޑިސްލައިކް ބަޓަން އެއް އިތުރު ކޮށްފިނަމަ ޑިސްލައިކް ކުރުން ވާނީ ސިޔާސީ މަޝްރަހުގައި ވަރަށް ފޯރިގަދަ ކަމަކަށެވެ. އޭރުން އެންމެން ބުރަވެ އުޅޭނީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުގެ ޕޯސްޓްތަކަށް ޑިސްލައިކް ކޮށް އަނެއް ފަރާތް ދެރަކޮށްލެވޭތޯއެވެ. ކިހާ ފަސޭހަ ހެއްޔެވެ؟ ސިޔާސީ ވެރިއެއް ތިމަންނަ މިއުޅެނީ ބުރިޖެއް އަޅައިދޭށޭ ބުނެ ޕޯސްޓެއް ކޮށްގެން އެކަމު ނުގޮސްފިނަމަ ޑިސްލައިކް ބަޓަން އަށް ފިއްތާލީމަ ނިމުނީއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ފޭސްބުކްގެ ޕޯސްޓްތަކާއި ޕޭޖްތަކަށް ޑިސްލައިކް ކުރެވެން ފަށައިފިނަމަ އެންމެ ޑިސްލައިކް ލިބޭނީ ސިޔާސީ ކޮން ފިކުރަކަށް ހެއްޔެވެ؟ ޕީޕީއެމް އަށް ހެއްޔެވެ؟ އެމްޑީޕީ އަށް ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް