ބީއެމްއެލްއާއި ސީއޭ މޯލްޑިވްސް ގުޅިގެން އެކައުންޓިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށް އެއްބަސްވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު، ދިވެހިރާއްޖޭގައި އެކައުންޓިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަ...

17 Aug 2025 | 15:17
ބީއެމްއެލް އަދި ސީއޭ މޯލްޑިވްސް ފަހުމުނާމާގައި ސޮއި ކުރުން - ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އަދި ސީއޭ މޯލްޑިވްސް ފަހުމުނާމާގައި ސޮއި ކުރުން - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު، ދިވެހިރާއްޖޭގައި އެކައުންޓިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިއަދު ފަހުމުނާމާއެއްގައި

ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމާއި، ގަވާއިދުތައް އެކުލަވައިލުމާއި، ދާއިރާގެ ފަންނުވެރީންގެ

ގާބިލުކަން އިތުރުކުރުމާއެކު  އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތްކުރާނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އެއްބަސްވުމަކީ މުޅި ޤައުމުގައި އެކައުންޓިންގ އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ސީއޭ މޯލްޑިވްސްއާއެކު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކާއެކު އަޅުގަނޑުމެންގެ މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ބޭނުމަކީ އެކައުންޓިންގ އަދި މާލީ ދާއިރާގައި ހުނަރާއި، މައުލޫމާތާއި، އަދި އަހުލާގީ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުމެވެ.

ބީއެމްއެލްއިން އަންނަނީ މުޅި ގައުމުގެ ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިވެދިނުމަށް ފަރުމާކުރެވިފައިވާ އެއްބަސްވުންތަކާއި މަޝްރޫއުތައް ހިންގަމުންނެވެ.

ފާއިތުވި އަހަރު، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ފޯރަމްގެ މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް