އެތަކެއް ގޮން ޖެހުން ތަކަކާއި އެކުވެސް، ފަލަސްތީނާއި އެކު ހިތްވަރުގަދަ ކަނބަލުންތަކެއް!

މެގަފޯނެއް ހިފައިގެން މާލެ ސަރަހައްދުގައި ފޫހިކަމެއް، ވަރުބަލި ކަމެއް ނެތި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވ،ާ މި ތިން އަންހެން ކަނބަލުންނަކީ ހަގީގަތުގައިވެސް އެބޭފުޅުންގެ ހިތުގައި ފަލަސްތީނަށް...

17 Aug 2024 | 12:09

މެގަފޯނެއް ހިފައިގެން މާލެ ސަރަހައްދުގައި ފޫހިކަމެއް، ވަރުބަލި ކަމެއް ނެތި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވ،ާ މި ތިން އަންހެން ކަނބަލުންނަކީ ހަގީގަތުގައިވެސް އެބޭފުޅުންގެ ހިތުގައި ފަލަސްތީނަށް ލޯތްބާއި ކުލުނު އޮތް ތިން ކަނބަލުންނެވެ.

އެގޮތުން ފަލަސްތީނުގައި ހިނގަމުން ގެންދާ ގަތުލު ޢާއްމާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާތާ ދިހަ މަސްވެފައިވާ ކަމަށް ޑރ ޝަޒްރާ ވިދާޅުވިއެވެ. އަދި ހަމައެކަނި ޔޫކޭ އެންބަސީ ކައިރީގައި ވެސް ތިރީހަކަށް ފަހަރު އަޑު އުފުލުމަށް ގޮސްފައިވާ ކަމަށް ޑރ ޝަޒްރާ ދުވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އެ ކޮންމެ ފަހަރަކުވެސް ފުލުހުން ވަނީ އެމީހުން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ.

" އަޅުގަނޑުމެން ބޭނުމެއް ނުވޭ އިޒްރޭލަށް އެހީތެރިވާ އެއްވެސް ޤައުމެއްގެ އެންބަސީއެއް ދިވެހިރާއްޖޭގަ ހުންނާކަށް" ޑރ ޝަޒްރާ ވިދާޅުވިއެވެ.

ޑރ. ރަނާ، ޑރ. ޝަޒްރާ އަދި ޝާދިޔާ މި ތިން ކަނބަލުން އިސްނަގައިގެން އިސްރާއީލްގެ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލަމުން ގެންދާތާ ދިހަ މަސްދުވަސް ވެފައިވާއިރު، ގިނަ ގޮން ޖެހުން ތަކަކާއި ކުރިމަތި ލާން ޖެހިފައި ވެއެވެ. އެހެން ނަމަވެސް އެބޭފުޅުން ބުނަނީ ފަލަސްތީނު މިނިވަްން ވުމާއި ހަމައަށް ހުއްޓުމެއްނެތި އެކަން ކުރިއަށް ގެންދާނެ ކަމަށެވެެ.

އެގޮތުން އިއްޔެ ވެސް މި ކަނބަލުން ވަނީ ސައުދީ އެމްބަސީ ކައިރީ، އިސްރާއިލާ ދެކޮޅަށް އަޑު އުފުލުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ނިކުމެ އެކަމަށް ވަނީ ހުރަސް އަޅާފައެވެ. ދިވެހި ސަރުކާރުން އިޒްރާއީލްގެ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނ،ެ އިޒްރާއީލަށް ތާއީދު ނުކުރާނަމޭ ބުނި ނަމަވެސް، އެމެރިކާއިން ދޭ އެހީތަކުގައި ހިފަމުންދާތީ އެބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެބޭފުޅުން ސޯޝަލް މީޑިއާ ގައި ހިއްސާ ކުރެއްވެވި ވީޑިއޯއިން ފެންނަގޮތުގައި އިއްޔެ އެބޭފުޅުންގެ މުޒާހަރާއަށް ހުރަސް އެޅުމަށް ހަތަރު ވަރަކަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އަމިއްލަ ޚަރަދުގައި މާލޭގައި ޕިކަޕު ބުރު ބާއްވައި، މެގަފޯނެއް ގަނެ ފާއިތުވި ދިހަ މަސް ދުވަހު މެދުކެނޑުމެއް ނެތި އަންނަނީ މި މަސައްކަތް ކުރައްވަމުންނެވެ.

މިކަމަށް ބައެއް ބޭފުޅުންގެ ތަރުހީބު ލިބުން ނަމަވެސް ބައެއް މީހުންގެ އުދަގޫ ތަކާއި ވެސް ކުރިމަތިލާން ޖެހޭކަން މީގެ ކުރިން އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެެވެ. އެބޭފުޅުންނަކީ އަންހެން ކަނބަލުން ކަމުން އެއީ އަންހެނުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ބައެއް ފަރާތްްތަކުން އެބޭފުޅުންނާ ދިމާލަށް ވަނީ ބުނެފައި ކަމަށް އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

މަދު ބައެއް ނަމަވެސް ކުރައްވަމުން ގެންދަވާ މަސައްކަތް ކިތަންމެ ހާވެސް ބުރައެވެ. މިއީ ވަގުތު ތަންދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ވެސް ނޫނެވެ. ވަޒީފާ އަދާ ކުރައްވާ ކަނބަލެކެވެ. އަދި ހަތަރު ކުދިންގެ މަންމައެއް ވެސް މެއެވެ.ވަޒީފާ އަދާކުރަމުންވެސް މި މަސައްކަތަށް ވަގުތު ދެއްވަނީ މިކަމަށް އޮންނަ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށް "ސޮލިޑާރިޓީ އެމްވީ" ނަމުގައި ރާއްޖޭގައި ބޭއްވުނު މުޒާހަރާގެ ހަރަކާތުގައި ވެސް މި ބޭފުޅުން ވަނީ ބައިވެލައްވާފައެވެ. މި މުޒާހަރާގައި މަސައްކަތް ކުރައްވާ ޝާދިޔާއަކީ ވެސް ފަސް ކުދިންގެ މަންމަ އެކެވެ. އަރަބި ބަހުން ވާހަކަ ދައްކަވާ ދޫފަރިތަ ކަނބަލެެކެވެ.

މި ބޭފުޅުން ފަލަސްތީނުގެ ހައްގުގައި ކުރައްވަވާ އިތުރު މަސައްކަތް ތަކަށް ބަލާލާއިރު، "އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން" ގެ ނަމުގައި އެންޖީއޯއެއް ރަޖިސްޓްރީ ކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެންޖީއޯއެއް ރަޖިސްޓްރީ ކުރެއްވުމުގެ ބޭނުމަކީ ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް ރަސްމީކޮށް އަދި ދެފުށް ފެންނަ ހެން ކުރިއަށް ގެންދިޔުމެވެ.

މީގެއިތުރުން ޑރ ޝަޒްރާ އަދި ޑރ ރަނާ އަންނަނީ ފަލަސްތީނާ ބެހޭ ގޮތުން ފޮތެއް ލިޔުއްވުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. "ސޯލް އޮފް އޯލް ސޯލްސް" ގެ ނަމުގައި ލިޔުއްވަމުން އަންނަ އެ ފޮތް ލިޔުއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުރިހާ ޕްލެޓްފޯމެއްގައި މި ފޮތް ވިއްކުމަކީ އެބޭފުޅުންގެ އަމާޒެވެ. އަދި އެ ފޮތް ދިވެހި ބަހުންނާއި އަރަބި ބަހުންވެސް ލިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ ޝަޒްރާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ބައިސްކޯފާ ގުޅިގެން މި ފޮތުގެ ޕޮްޑްކާސްޓެއް ރިކޯޑު ކުރުމުގެ މަސައްކަތް ވެސް އެބޭފުޅުން ދަނީ ކުރައްވަމުންނެވެ.

ދުނިޔޭގެ58 ގައުމަކުނ ް300 އަށް ވުރެ ގިނަ މީހުން ބައިވެރިވި ގަތަރުގައި އޮތް ކޮންފަރެސްއެއްގައިވެސް ޝަޒްރާ އާއި ޝާދިޔާ ވަނީ ބައިވެރި ވެލައްވާފައެވެ.

އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ސަރުކާރުން މަނާ ކުރުމަށް ނިންމާފައިވީ ނަމަވެސް، ޕާސްޕޯޓު މަނާ ކުރުމަށް އަދި އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެކަމާ މެދު ގިނަ ރައްޔިތުން ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް