ދެ ރުނބާ ބޮގަރާއި މަސްތުވާތަކެއްޗާއެކު ލ. ގަމުން ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ލ. ގަމު، ތުނޑީ އަވަށު ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާފާސްކުރި ކަމަށެވެ.
އެ ގޭތެރެއިން 24.42 ގްރާމް ހިރޮއިން އާއި ދެ ރުނބާ ބޮގަރާއި ފަސް ލީޓަރު ފުޅިއެއްގެ ބޮގަރާއި އަދި ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެކެވެ. އެ ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް