ސޯލާ ހަކަތައަށް އެނަރޖީ ސްޓޯރޭޖް ސިސްޓަމް 24 ރަށެއްގައި ގާއިމު ކުރަނީ

ވާރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ...

17 Aug 2023 | 14:13

ވާރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 24 ރަށެއްގައި ގާއިމު ކުރަން ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަރުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޕެއިޓާއޮއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ބީލަން ކާމިޔާބުކޮށްފައިވަނީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ގުއަޑިއަން ނަންޖިންގް އޮޓޯމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލަރ ހައިބްރިޑް (ބެއިޖިންގް) ޓެކްނޯލޮޖީ ކޯ ލިމިޓޭޑް ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންވެންޗަރ ކުންފުނިންނެވެ.

އެގޮތުން މި މަޝްރޫޢޫގެ ދަށުން މި ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ:

o އައްޑޫ ސިޓީ އިން
  • ހިތަދޫ
  • ފޭދޫ
  • މަރަދޫ ފޭދޫ
  • މަރަދޫ
  • ހުޅުދޫ
  • މީދޫ
o ލ. އަތޮޅުން
  • ފޮނަދޫ
  • ގަން
  • ދަނބިދޫ
  • އިސްދޫ
  • ކަލައިދޫ
  • މާބައިދޫ
  • މާމެންދޫ
  • ކުނަހަންދޫ
  • ހިތަދޫ
  • މާވަށް
o ފުވައްމުލައް ސިޓީ
o ކުޅުދުއްފުށީ ސިޓީ
o ގދ. ތިނަދޫ
o ބ. އޭދަފުށީ
o ޅ. ހިންނަވަރު
o ޅ. ނައިފަރު
o ށ. ފުނަދޫ
o ގއ. ވިލިނގިލި

އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ފާހަގަކުރައްވައެވެ.

އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތަ، އެރަށެއްގެ ޑިމާންޑް ގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުޔެއް ލިބިގެންދާނެކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
މީގެ އިތުރަށް، އެރައިސް މަޝްރޫޢިން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން ޖުމްލަ 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ހާމަކުރައެވެ.
ހަމައެއާ އެކު އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށެވެ.

ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ.

އެގޮތުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް