ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ، "ކްލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހީންނަށް ހުޅުވާލައިފިއެވެ.
އަންނަ އަހަރު ޖޫން މަހުގައި، އެމެރިކާގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައި ވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، 2024 ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މީގެ އިތުރަށް އެމްއެންޑީއެފް އިން ބުނާ ގޮތުގައި ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއްކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ ފަރާތެއް ކަމުގައިވުމަކީވެސް ޝަރުތެކެވެ.
މި ޓެސްޓްތަކަކީ (SAT,ACT) ކޯހަށް އެޕްލައިކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެކެވެ. އަދި 4 އަހަރުގެ މުއްދަތަށް، ބެޗަލަރސް ޑިގްރީ ފެންވަރަށް ކުރިއަށް ގެންދާ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށް ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.
ސިފައިންގެ ވަޒީފާގައި މިހާރު ނޫޅޭ ފަރާތެއް މި ކޯހަށް ހޮވިއްޖެ ނަމަ، ހޮވޭ ފަރާތެއް ސިފައިންގެ ވަޒީފާއަށް ވެއްދޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިންގ، ސައިބަރ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނޭކަން އިޢުލާނުގައި ވެއެވެ.
މީގެއިތުރުންވެސް، މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކަޑަމީއާ ބެހޭ މަޢުލޫމާތު، އެކަމަޑަމީގެ އޮފިޝަލް ވެބްސައިޓް www.usafa.edu އިން ލިބޭނެ ކަމަށްވެސް އެމްއެންޑީއެފްއިން ފާހަގަކުރެއެވެ.
މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށް ފަހު، 2023 އޮގަސްޓް 31 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް އެމްއެންޑީއެފް އިން އެދިފައިވެއެވެ.
އަދި، ފޯމް ހުށަހަޅުއްވަން ދުރުވެ، 9871235 ނަންބަރަށް ގުޅުއްވުމަށް، ނުވަތަ އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓްގެ މެއިލް: ([email protected]) އަށް މެއިލް ކޮށްދެއްވުމަށް އެމްއެންޑީއެފް އިން އެދޭކަމަށް ބުނެފައިވެއެވެ.
ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (https://mndf.gov.mv/mndf/downloads/scholarshipform.pdf) އިން ޑައުންލޯޑު ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް