އަންވަރު ނަޢީމް ލިއުއްވާފައިވާ ޚިޔާލީ ވާހަކައެއް ކަމުގައިވާ "ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން" ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ނެރެދެއްވައިފިއެވެ.
މި ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ޤައުމީ ކުޠުބު ޚާނާގައެވެ.
މި ފޮތް ނެރެދެއްވުމަށްފަހު ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، އަންވަރު ނަޢީމްގެ މި މަސައްކަތަށް ތަޢުރީފުކުރައްވާފައިވެއެވެ. އަދި ލިޔުންތެރިންނަށް ހިތްވަރު ދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ރަނގަޅަށް ވާހަކަދެކެވޭ މީހަކަށްވާން ބޭނުންނަމަ މީހުން ދައްކާ ވާހަކަ އަޑުއެހުމަށާއި ހަމައެގޮތަށް ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނަ ފޮތް ކިޔުމަކީ އެކަމަށް އޮތް ރަނގަޅު މަގުކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމައެފަދައިން އެހެންމީހުންގެ ޚިޔާލުތައް ބަލައިގަތުމާއި އެ ކުރާކަމެއްގައި ދެމިހުރުމުގެ މުހިންމުކަމާއި، ލިޔުންތެރިކަން ދިރުވައި އަދި ކުރިއެރުވުމުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރުދޭ މާހައުލެއް ގޭތެރޭގައިވެސް އުފެއްދުމުގެ މުހިންމުކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އަންވަރު ނަޢީމްގެ "ދަ ކޮންފިއުޝަން" ފޮތަކީ "ދަ އިންވިންސިބްލް"ގައި ހިމެނޭ ތިން ފޮތުގެ ތެރޭން ފުރަތަމަ ފޮތެވެ. މިއީ ރާއްޖެއާ ރާއްޖޭން ބޭރުގައި ހިނގާ ޚިޔާލީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް