ޑިސެމްބަރަށް ބޮޑުޗުއްޓީ ބަދަލުކުރާ ވާހަކަ ބުނުމުން ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން ލިބެން ލިބެން ފަށައިފި ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއޒު ވިދާޅުވީ، ކެމްޕޭން ޖަލްސާގައި އިޢުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރ އަށް ބަދަލު ކުރުމާއި މެދު ރިސޯޓު ތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންށދާ ކަމަށާއި އެ ކަންބޮޑުވުމަށް ޙައްލު ގެނެސްދޭނެ ކަމަށެވެ.
މުއިއްޒުގެ ވެރިކަމެއްގައި ސްކޫލުތަކުގެ ބޮޑު ބަންދު ޑިސެމްބަރަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ދ. ކުޑަހުވަދޫއަށް ވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކަންކަން ކޮށްދެނީ ރައްޔިތުން ބޭނުންވާ ގޮތް ވިސްނައިގެން ނޫން ކަމަށެވެ. ރައްޔިތުންނަށް ފަސޭހަވަނީ ކޮން ގޮތެއްކަންވެސް ނުބަލާ ކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ، ދިރާސީ އަހަރުގެ ބޮޑު ބަންދު ޖުލައިމަހާ ދިމާވާ ގޮތަށް މި ސަރުކާރުން ބަދަލު ކުރީ، މާބޮޑު ދިރާސާއެއް ނެތި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކަށް ފަސޭހަވާނެ ކަމަށް ބުނަމުން ކަމަށެވެ.
ނަމަވެސް އެއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ، މޫސުން ގޯސްވެގެން ބަންދުގައި ދަތުރު ކުރުމަށް ދަތިވާ ކަމަށާއި، ޖުލައި 26 ގެ ހަރަކާތްތަކުގައި ކުދިން ބައިވެރިވެ، ފަރިތަކުރަން މަޑުކުރަން ޖެހުމުގެ ސަބަބުން ބަންދުގެ ބޮޑުބައެއް ގެއްލޭ ކަމަށެވެ.
ނަމަވެސް ދެން ބޮޑު ބަންދު ޑިސެމްބަރަށް ބަދަލު ކުރެވޭނީ 2025 ވަނަ އަހަރުގެ ދިރާސީ އަހަރާ ދިމާކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މުއިއްޒުގެ ވެރިކަމެއްގައި އެކަން އެގޮތަށް ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް