ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ޖަމިއްޔަތުއް ސަލަފް ބޭނުންވަނީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މުއިއްޒުއަށް ނިސްބަތްކޮށް 'ޕީއެންސީ/ސަލަފް' ގެ ކެނޑިޑޭޓްކަމަށް މާރިޔާ ވިދާޅުވާތީ، އެކަމާ ގުޅިގެން "ދުވަސް" އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ސަލަފްއިން ބޭނުންވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓްފޯލިއޯ ކަމަށް އަޑުއިވޭ ކަމަށެވެ.
" އަޅުގަނޑުމެން މަދަރުސާތަކުގަ ކިޔަވައިދޭނެ ސިލަބަސްއެއް އެ ބޭފުޅުން އަދި ވިދާޅުވެފައެއް ނެތް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، 'ޕީއެންސީ/ސަލަފް' ގެ ކެނޑިޑޭޓް ކަމަށް ވިދާޅުވަނީ، ސަލަފްގެ ފަހަރަކު ބޭފުޅަކު ނުކުމެ ވަޑައިގެން މުއިއްޒުއަށް ތާއީދު ކުރައްވާތީ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ ސަލަފްއާ ހަވާލު ކުރަން މަޝްވަރާ ކުރެވުނުކަމަށް މައުލޫމާތު ލިބޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އެހެން އެއްވެސް ޖަމާއަތަކާ، އެގޮތަށް ވަކި ވުޒާރާއެއް ހަވާލު ކުރަން ނުވަތަ ވަކި ކަހަލަ ކަންތައްތަކެއް ކުރަން ކަމަކަށް އަޅުގަނޑުމެންނަކަށް ބޭރުތެރޭން އިވިފައެއް ނެތް. އެއީ މި ވާގޮތަކީ" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވެއްޖެ ނަމަ ސަލަފް ޖަމިއްޔާގެ މެމްބަރުން ކޯފާވާ ކަމަށެވެ.
ގޭގެއަށް ވަޑައިގެން އާއްމުންނާ ބައްދަލު ކުރައްވާއިރުވެސް،މުއިއްޒުއަކީ ޔާމީނު ނޫން ކަމަށާއި، އެއީ ޕީޕީއެމް ކެނޑިޑޭޓް ނޫން ކަމަށް އާއްމުން ބުނާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުއިއްޒުއަކީ ޕީއެންސީ/ސަލަފްގެ ކެނޑިޑޭޓޭ ބުނަނީވެސް ރައްޔިތުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
ނަމަވެސް ރަސްމީ ސިފައެއްގައި ޕީއެންސީއާ ސަލަފް ކޯލިޝަން ހެދިކަމަށް އިއުލާނު ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް