ޑިމޮކްރެޓްސްއިން ބުނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް، ރަނިންގް މޭޓް ޙުސެއިން ޢަމްރު ހުންނެވީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، ސުވާލުތަކަށް ޖަވާބުދާރީވެ، އޮޅުންފިލުވައިދިނުމުގެ ފުރުސަތަކަށް ކެތް މަދުވެފައި ކަމަށެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ސަންގު ޓީވީ ކުރިއަށްގެންދަން ނިންމާފައިވާ “ސަންގު ބަހުސް” އަށް ކެނޑިޑޭޓުންނަށް ދައުވަތު އަރުވާފައި ވަނި ހޯމަ ދުވަހުއެވެ.
އެގޮތުން އެ ޓީވީ ސްޓޭޝަނުން ބުނެފައިވަނީ އެ ބަހުސްއަށް ދައުވަތާއެކު ކެނޑިޑޭޓުންނަށް ސަންގު ޓީވީގެ ފަރާތުން ސިޓީ ފޮނުވާފައިވާނެކަމަށެވެ.
ސަންގު ޓީވީ ކެނޑިޑޭޓުންނަށް ފޮނުވި ސިޓީގައި ބުނެފައިވާގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި، ފޯރިގަދަ އިންތިހާބަށް ވާއިރު، މިފަދަ އިންތިހާބެއްގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި ކެނޑިޑޭޓުންގެ ތަސައްވުރު ސާފުވުމަކީ ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގުގެ ބޭނުންކޮށް ގޮތް ނިންމުމުގައި ނުހަނު މުހިންމު ކަމެއް ކަމުގައި އެ ޓީވީން ދެކެއެވެ
“ގައުމީ އިންތިހާބުތަކާ ކުރިމަތިލާއިރު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން މެދުވެރިކޮށް ބަހުސެއްގެ ގޮތުގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ޑިމޮކްރެޓިކް ބޮޑެތި ގައުމުތަކުގައިވެސް އަމަލުކުރާ ގޮތް” ސަންގު ޓީވީގެ ސިޓީގައި ބުނެފައިވެއެވެ.
ސަންގު ޓީވީން ފާހަގަކޮށްފައިވާގޮތުގައި ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓީވީ ޗެނަލެއްގެ ހައިސިއްސަތުން އެ ޓީވީން ދަނީ ގައުމީ އިންތިހާބާ ދިމާކޮށް “ސަންގު ބަހުސް”ގެ ނަމުގައި ހާއްސަ ބަހުސެއް ގެނެސްދެމުންނެވެ. މިގޮތުން ސަންގު ބަހުސްއަކީ އާންމުންގެ އިތުބާރު ލިބިފައިވާ އަދި ގައުމީ އިންތިހާބުތަކުގެ ދުވަސްވަރު ރައްޔިތުން ވަރަށް ބޮޑަށް އުންމީދުކުރަމުން އަންނަ ޕްރޮގްރާމެއް ކަމާއި އަދި މި ބަހުސަކީ އެންމެ ފަހުން ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްގައި ރާއްޖޭގެ އެންމެ މަގްބޫލު ކަރަންޓް އެފެއާޒް ޕްރޮގްރާމްގެ ގޮތުގައި ހޮވި، އެވޯޑް ލިބިފައިވާ ޕްރޮޑަކްޓެއްކަންވެސް އެ ޓީވީން ފާހަގަކޮށްފައިވެއެވެ.
ސަންގު ޓީވީން އިތުރަށް ފާހަގަކޮށްފައިވާގޮތުގައި މި ބަހުސް ކުރިއަށްގެންދާނީ ހުރިހާ ކެނޑިޑޭޓުންނަށްވެސް ފަސޭހަ އަދި އެއްބަސްވެވޭ ތާރީހެއްގައެވެ.
މިހާތަނަށް މި ބަހުއްސަގައި ބައިވެރި ވާނެކަން އިއުލާނު ކުރައްވާފައި ވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއޒުއާއި އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް