ކޯވިޑް ކޮންޓްރޯލް ކުރުމުގައި ރާއްޖެއަކީ ދުނިޔެއަށް ނަމޫނާއެއް: ނަސީމް

ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ރާއްޖެއަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. ނަސީމް މިހެން ވިދާޅުވީ ގައުމީ ކޯވިޑް ވެކްސިންގެ ކާމިޔާބު ފާހަގަ ކުރުމަށް ރޭ...

17 Aug 2022 | 13:16

ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ރާއްޖެއަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ ގައުމީ ކޯވިޑް ވެކްސިންގެ ކާމިޔާބު ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ މިއަދު މި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ކޯވިޑާއެކު އާއްމު ދިރިއުޅުމެއް ގެންދެވޭނެ ފަދަ ހާލަތަކަށް މާތްﷲގެ ވާގިފުޅާއެކު ރާއްޖެއަށް އާދެވިފައި ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގައި އަދި ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑު އެންމެ ރަނގަޅަށް މެނޭޖްކުރި ނަމޫނާ ގައުމުތަކުގައި ހިމެނިފައިވާ ގައުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން މަސައްކަތްކުރީ ބޭރުގެ ގައުމުތަކާ ގުޅިގެން ކަމަށާއި އޭގެ ނަތީޖާއަކީ، އެންމެ އަވަހަށް ވެކްސިން ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުން ކަމަށެވެ. އަދި ހާލަތުން އަރައިގަތުމުގައި ހުރިހާ މުއައްސަސާތަކުން އަދާކުރީ އެއްވަރެއްގެ ރޯލެއްކަން ފާހަގަ ކުރެއްވި އެވެ.

ނަސީމް ވިދާޅުވީ ވެކްސިންދޭ ތަރުތީބުތައް ކަނޑައަޅައި އަދި ބިދޭސީން ވެސް ބާކީނުކޮށް ރާއްޖެއިން ކުރީ ނަމޫނާ މަސައްކަތެއް ކަމަށެވެ. ރާއްޖެއިން އެންމެ ފުރަތަމަ ވެސް ގަބޫލުކުރީ އެންމެން ވެކްސިން ޖަހައިގެން ނޫނީ އެކަމުން އަރައިނުގަނެވޭނެ ކަމަށްވާތީ، އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގަ ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަކީ ކޯވިޑާ ދެކޮޅަށް ކުރި ހަނގުރާމައިގެ އެންމެ ލާމަސީލު ޝަހުސިއްޔަތު ކަމަށް ވެސް ވިދާޅުވެ، މައިމޫނާއަށް ތައުރީފު ކުރައްވައިފަ އެވެ.

ނަސީމް ވިދާޅުވި ގޮތުގައި 22 އޮކްޓޯބަރު 2020 ގައި އޭނާ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތީ ކޯވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. އެހެންވެ، މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވިދާނެތޯ ސުވާލު އުފެދުނު ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވެކްސިނޭޝަން ކެމްޕެއިން ކަމަށްވާ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު 399،050 މީހުން، ދެ ވަނަ ޑޯޒު 384،827 މީހުން އަދި ތިން ވަނަ ޑޯޒު 166،271 މީހުން ވަނީ ފުރިހަމަކޮށްފަ އެވެ. ހަތަރު ވަނަ ޑޯޒު ޖަހާފައިވަނީ 1،050 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް